ޚަބަރު

އަލީ ވަހީދު ބަހައްޓާފައި ހުރީ ޑިޓެންޝަން ސެންޓަރެއްގައި, އިނގިރޭސި ވިލާތުގެ ހިމާޔަތަށް ވަނީ އެދިފައި

ސުޕްރީމް ކޯޓަށް ހާޒިރު ނުވެގެން ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ހުކުމް އިއްވައި ޖަލަށް ލާން އަމުރުކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިހާރު ހުރީ އިނގިރޭސި ވިލާތުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށުން ޑިޓެޝަން ސެންޓަރެއްގައި ކަމަށް "ވަން" އަށް ކަށަވަރުވެއްޖެއެވެ.

ކަމުގެ މައުލޫމާތު އިނގޭ ބޭފުޅަކު "ވަން" އަށް ވިދާޅުވީ, އަލީ ވަހީދު އިނގިރޭސި ވިލާތުން މިދިޔަ ބުދަ ދުވަހު ހައްޔަރުކުރީ އޯވަސްޓޭ ވެގެން ކަމަށެވެ. އަދި މިހާރު ހުންނެވީ ޑިޓެންޝަން ސެންޓަރެއްގައި ކަމަށާއި މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި ދޫކޮށްލާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ.

އަދި އިނގިރޭސި ވިލާތުގެ ހިމާޔަތަށްވެސް އެދިވަޑައިގެންފައިވާކަން "ވަން" އަށް ވަނީ ކަށަވަރުވެފައެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއް ފެންމަތިވެ, މިނިސްޓަރުކަމުން ވަކިކުރި އަލީ ވަހީދުގެ މައްސަލަ ކުރިމިނަލް ކޯޓުގައި އިއްޔެ ޝެޑިއުލްކުރި ނަމަވެސް އެ މައްސަލަވެސް ވަނީ ކެންސަލްވެފައެވެ.