އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ބިޒްނަސް ވިސާއަށް އެދެން ޖެހޭގޮތަށް ގަވާއިދަށް ބަދަލު ގެނެސްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ގެޒެޓުކޮށްފައިވާ ގަވައިދުގައި ބުނީ، ބިޒްނަސް ވިސާއަށް އެދި ހުށަހެޅުމުން ވިސާގެ ހުއްދަ ދޭނީ ރަޖިސްޓްރާ އޮފް ބިޒްނަސް އިން ކަމަށާއި ރަޖިސްޓްރާ އޮފް ބިޒްނަސް ހުއްދަ ދިނުމުން އިތުރު ޝަރުތަކާ ނުލައި އިމިގްރޭޝަނުން ވިސާ ދޭން ޖެހޭނެ ކަމަށެވެ.
މީގެ ކުރިން ބިޒްނަސް ވިސާއަށް އެދި ހުށަހަޅަން ޖެހެނީ އިމިގްރޭޝަނެކެވެ. ވިސާ ދޫކުރުމުގެ ބާރު އޮންނަނީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަނަށެވެ. އެ ގަވައިދު ގެޒެޓުގައި ޝާއިއުކުރުމާއެކު ފެށިގެން ބިޒްނަސް ވިސާއަށް އެދި ހުށަހަޅަން ޖެހޭނީ އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް http://business.egov.mv މެދުވެރިކޮށެވެ.
ނަމަވެސް އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ބައެއް ހާއްސަ ހާލަތްތަކުގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަނަށް ބިޒްނަސް ވިސާ ދޫކުރެވޭނެއެވެ.
ގަވައިދުގައިވާ ގޮތުން ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށް އެއްވެސް ގައުމަކާ އެކު ބިޒްނަސް ވިސާ ދޫކުރުމުގައި އަމަލުކުރާނެ އުސޫލެއް ސަރުކާރުން ކަނޑައަޅާފައި ވާނަމަ އެ އުސޫލުގެ ދަށުން އެއްވެސް ހުރަހެއް ނެތި އަމަލު ކުރެވޭނެއެވެ.
ބިޒްނަސް ވިސާއަށް އެދި ހުށަހަޅާ މީހުންނަށް އެޕްލިކޭޝަން ބަލައިގަންނަތާ ދިހަ ދުވަހުގެ ތެރޭގައި ވިސާ ލިބޭނެ އެވެ. ބިޒްނަސް ވިސާ 30 ދުވަހާއި 90 ދުވަހާ ދެމެދުގެ މުއްދަތަކަށް ދޫކުރާއިރު ވިސާ ފީގެ ގޮތުގައި 750 ރުފިޔާ ދައްކަން ޖެހެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު