ރާއްޖޭގެ ސްކޫލުތަކުގެ ދަރިވަރުންނަށް ވެކްސިން ދިނުމަށް ކުރިއަށް ގެންދާ ހާއްސަ ޕްރޮގުރާމުގެ ދަށުން މިހާތަނަށް 30،000 އަށް ވުރެ ގިނަ ދަރިވަރުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ކޮވިޑުން ދިފާއުވުމަށް 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ކޮވިޑު ވެކްސިން ދިނުމުގެ ޕްރޮގުރާމުގައި މާލެ އާއި އަތޮޅު ތެރެއިން މިހާތަނަށް 30،109 ދަރިވަރުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާ ކަމަށެވެ. އެއީ 181 ސްކޫލެއްގެ ދަރިވަރުންނެވެ.

ރާއްޖޭގައި އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދޭން ފެށީ މިދިަ ހަފުތާގެ އާދީއްތަ ދުވަހުން ފެށިގެންނެވެ. އެ އުމުރުފުރާގެ ކުދީންނަށް ދެނީ ފައިޒާ ވެކްސިނެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު މީގެ ކުރިން ވިދާޅުވީ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ގާތްގަނޑަކަށް 35000 އެއްހާ ދަރިވަރުން އެބަތިބި ކަމަށެވެ. އަދި އަމާޒަކީ މި މަސް ނިމުމުގެ ކުރިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން ކަމަށްވެސް ވިދާޅުވިއެވެ.