މީހުން ބިނާކުރުމަކީ، ގައުމުގެ ކުރިމަގަށް ޓަކައި ރައްކާކުރެވޭ ވަރަށް އަގު ބޮޑު ރައުސްމާލެއް ކަމަށާއި އެކަމުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ހުރިހާ ބެލެނިވެރިން ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.
އެ މަނިކުފާނު މިގޮތަށް ގޮވާލައްވާފައިވަނީ މިއަދު ހެނދުނު ހޮޓެލް ޖެންގައި ކުރިއަށް ދިޔަ ނޭޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް މާސްޓާ ޕްލޭން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން މީހުން ބިނާކުރުމަށްޓަކައި ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ހިފައި، ޒުވާނުންގެ ކިބައިގައި ހުރި ހުނަރާއި ފަންނު ކުރިއަރުވައި ތަރައްގީ ކޮށްގެން، ގައުމުގެ ތަރައްގީގައި މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ ޒުވާނުންނަށް އެމަނިކުފާނު އިލްތިމާސްކުރައްވާފައެވެ.
ރައީސް ސޯލިހު ވިދާޅުވިގޮތުގައި މި މާސްޓާ ޕްލޭންގެ މައިގަނޑު އަމާޒަކީ، ސަރުކާރުން މިހާރު ރަށްރަށުގައި ހިންގަމުން އަންނަ ތަރައްގީގެ ގިނަ މަޝްރޫއުތައް ނިމޭއިރު، މިއިން ކޮންމެ މަޝްރޫއަކާއެކު އުފެދޭ މުއައްސަސާތައް ހިންގުމަށްޓަކައި، ކިޔަވައިގެން ތިބި ފަންނީ ހުނަރުވެރިން އުފެއްދުމެވެ. ހަމަ އެހެންމެ ޖިންސީ ހަމަހަމަކަމާއެކު، ރާއްޖޭގައި ތިބި ފަންނީ ހުނަރުވެރި ދިވެހި ޒުވާނުންނަށް އެ ފަރާތްތަކުގެ ކިބައިގައި ހުރި ހުނަރުވެރިކަމާއި ފަންނުވެރިކަން ތަރައްގީކޮށް، ހަޔާތުގެ އަމަލީ މައިދާނުގައި އޭގެ ބޭނުން ހިފޭނެ މަގު ތަނަވަސްކޮށްދިނުން ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
ނޭޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް މާސްޓަރ ޕްލޭންގެ ސަބަބުން ރާއްޖެއަށް ލިބިގެންދާނެ ވަރަށް ގިނަ ފައިދާތަކުގެ މައްޗަށްވެސް ރައީސްގެ ވާހަކަފުޅުގައި މިއަދު ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ފަންނީ ވަޒީފާތަކަށް، ތަމްރީނު ލިބިފައިވާ ދިވެހީން ހޯދުމުގައި މިހާރު ކުރިމަތިވަމުންދާ ދަތިތަކަށް، މި މާސްޓަރ ޕްލޭންގެ ސަބަބުން ލުއިތަކެއް ލިބިގެންދާނެ ކަމަށާއި، ފަންނީ ވަޒީފާތަކަށް ގެންނަ ބިދޭސީންގެ އަދަދުވެސް ދަށަށް ދާނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވި އެވެ. ހަމަ އެހެންމެ މި ޕްލޭން އަކީ މީހުން ބިނާކުރުމުގެ މަސައްކަތް ލާމަރުކަޒުކޮށް، ރާއްޖޭގެ ތަރައްގީ ލާމަރުކަޒު ކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައިވެސް، ވަރަށް މުހިންމު މަސައްކަތެއް ގޮތުގައި އެމަނިކުފާނު ދެކިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވިދާޅުވީ އިގްތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ރާއްޖެއަށް އަންނަ ބަދަލުތަކަށް ބަލާއިރު، މީހުން ބިނާކުރަން ޖެހޭ ވަރަށް ގިނަ ދާއިރާތައް އެބަހުރި ކަމަށާއި، އޭގެ ތެރެއިންވެސް މެންޓަލް ހެލްތުގެ ދާއިރާއަކީ، ވަރަށް ހާއްސަ އިސްކަމެއް ދީގެން މީހުން ބިނާކުރަން ޖެހިފައިވާ ދާއިރާއެއް ކަމަށެވެ. އެހެންކަމުން މި ސަރުކާރުން އެކަމަށް ޓަކައި މެންޓަލް ހެލްތުގެ ދާއިރާއިން، ކްލިނިކަލް ސައިކޮލޮޖީ އާއި ޕްރޮފެޝަނަލް ކައުންސެލިން، އަދި އެޑިކްޝަން ސްޓަޑީޒްގެ ސްކޮލްޝިޕްތައް ހިމެނޭ ގޮތަށް، މާސްޓަރސް ފެންވަރުގެ 30 ސްކޮލަޝިޕްގެ ފުރުސަތު، ވަރަށް އަވަހަށް ހުޅުވައިލައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު