"ރީން ރީން"

ރީތި ރާގަކަށް އެލާމް ވާން ފެށި ފޯނުގެ އަޑަށް ފުން ނިދީގެ ތެރޭގައި، ހިތްގައިމު ހުވަފެނެއްގެ ތެރެއަށް ގެނބިފައި އޮވެ އޭނާ ފުރޮޅިލިއެވެ. މެދުކެނޑުމެއް ނެތި އެލާމް ވަމުން ދިޔަ ފޯނާއި ދިމާއަށް އޭނާ އަތް ދިއްކޮށްލިއެވެ. އެނދުގެ ސައިޑް ކަބަޑް މަތީގައި އޮތް ފޯން ނަގާ އެލާމް އޮފް ކޮށްލުމަށްފަހު އަނެއްކާވެސް ބާލީހުގައި މޫނު ފޮރުވަމުން ނިދޭތޯ ލޯމަރާލިއެވެ. އެކަމަކު... ދެވަނަ ހިނދުކޮޅުގައި އޭނާ ފުންމައިގެން ތެދުވެއްޖެއެވެ. ފޯނުގެ ޑިސްޕްލޭއިން ގަޑި ފެނުމާއެކު އޭނާގެ ނިދިވެސް ފިލާދިޔަ ކަހަލައެވެ. އަސްތާއެވެ. މިހާރުވެސް މާގިނައިރު ނިދިއްޖެއެވެ. ރޭގައި ތަންކޮޅެއް ފަހުން ނިދުމުން، އޭނާއަށް މާ ލަސްވަންދެން އޮވެވުނީއެވެ.

އެނދުން ފައިބައިގެން ފާހާނާއާއި ދިމާއަށް ދިއުމުގެ ކުރިން އެނދު ތަންމަތި ފޮޅާ ރީތިކޮށްލީ އެއީ އާދަވެފައިވާ ކަމަކަށް ވާތީއެވެ. ފެންވަރާ ތާޒާ ވެލައިގެން ނުކުމެ ހެދުން އަޅުވާފައި ހުރި އަލަމާރި ހުޅުވާލުމަށްފަހު ތަރުތީބުން ހުރި ކުލަ ކުލައިގެ ތަފާތު ހެދުން ތަކުގެ ތެރެއިން މޫސުމާއި ގުޅޭ ކަހަލަ ފޮތީގެ ހެދުމެއް ނަގައިގެންގޮސް އޭނާ އަނެއްކާވެސް ވަނީ ފާހާނާއަށެވެ.

ވިލުފެހި ކުލައިގެ އެ ހެދުމުގައި އޭނާ ފެންނަލެއް ވަރަށްވެސް ހިތްގައިމެވެ. އިސްކޮޅާއި އެއްވަރުގެ ލޯގަނޑު ކުރިމައްޗަށް ހުއްޓި އުނަގަނޑާއި ހަމައަށް ފައިބާ ބުޅި އިސްތަށިގަނޑު އާދައިގެ ގޮތަކަށް އޮޅާލުމަށްފަހު ހުޅިއެއް ޖެހިއެވެ. ކަޅު ކުލައެއްގެ ވޫލްކޮޅެއްގެ އެހީގައި ހުޅި ނުނެއްޓޭނެ ގޮތް ހަދާލަމުން އޭނާ ލޯގަނޑުން ބަލައިލިއެވެ.

އެއްވެސް މޭކަޕެއް ނުކުރިއަސް އޭނާ ރީއްޗެވެ. އެހެނަސް ވިދުން ފަނޑުވެފައިވާ ދެލޮލާއި އެއްވެސް އުފާވެރިކަމެއް ނެތް މޫނު ފެނިފައި ޚުދު އޭނާ އަމިއްލަ ނަފްސު ދެކެ ރުޅި އަތުވެއްޖެއެވެ. ރައްޓެހި އަދި ބީރައްޓެހި އެތައް ބަޔަކާއި ބައްދަލުވެ ހިނިތުންވެ ހުރެ އެމީހުންނާއި ވާހަކަ ދައްކަން ޖެހޭ މީހަކަށް ނުވާނަމަ އޭނާ ފަހަރެއްގައިވެސް އެއްވެސް މޭކަޕެއް ނުކުރާނެއެވެ. އެކަމަކު ކުލަ މަރުވެފައިވާ މޫނަކާއިއެކު ވަޒީފާއަށް ދާނީވެސް ކިހިނެއް ހެއްޔެވެ.

ތައްޔާރުވެ ނިމިގެން ރީތިވާ މޭޒުމަތީގައި ހުރި ކުޑަ ފެންފުޅި ނަގާ އެއިން ކޯވަރެއްހާ ފެން ފޮދެއް ބޯލުަމަށްފަހު އޭނާ ގަޑި ބަލައިލިއެވެ. ނަސީބެވެކެވެ. އަދި ފަނަރަ ވަރަކަށް މިނެޓް އެބަހުއްޓެވެ. ގަޑީގެ ދިހަ ވަރަކަށް މިނެޓް ކުރިން އޮފީހަށް ދިއުމަކީ އޭނާގެ ބަދަލު ނުވި އާދައެވެ.

މަޖީދީ މަގުގެ ދެކޮޅު ހޯދާ ބަލައިލުމަށްފަހު އޭނާ ފޯންގެ ޑިސްޕްލޭއިން ގަޑި ބަލައިލިއެވެ.

"ޔާރައްބީ، އަޅެ، ގަޑިޖެހެން އެންމެ ދިހަ ވަރަކަށް މިނެޓް ހުރީ، ޓެކްސީއެއް ލޮލަށްވެސް ނުފެނޭ." ހިތާހިތުން އޭނާއަށް ބުނެވުނެވެ. އަނެއްކާވެސް ޓެކްސީއެއް ލިބޭތޯ މަގުގެ ދެކޮޅު ހޯދާލުމާއިއެކު ޓެކްސީ ސެންޓަރަކަށް އޭނާ ގުޅިއެވެ. ދެ ނަންބަރު ތިން ނަބަރުވެސް ހުރީ ބިޒީ ވެފައެވެ. މަގުމަތިން ހުސް ކާރެއް ނުފެނެއެވެ.

ކަންބޮޑުވެ ހާސްވެފައި އޭނާ މާނޭވާއެއް ލިއެވެ. ހިނގާފައި ދާން ބޭނުން ނުވިޔަސް އެނޫން ގޮތެއް ނެތުމުން އޭނާ ގޯޅި ކަންމަތިން މަގަށް ނުކުތުމަށް ފިޔަވަޅު ނެގިއެވެ. އެވަގުތު އައި ނައި ދިމާލެއް ނޭނގި އައި ސައިކަލެއް އޭނާއާއި ދާދި ގާތަށް މަޑުކޮށްލިއެވެ.

"ކިހިނެއް؟ ތަނަކަށް ދާންތަ؟" އަވި އައިނު ރަނގަޅު ކޮށްލަމުން ސައިކަލުގައި އިން ބީރައްޓެހި ޒުވާނާ ހިނިތުންވެލުމާއިއެކު އަހާލިއެވެ.

އޭނާ ދެބުމަށް ގޮށް ޖަހަމުން، އެ ނުދަންނަ ޒުވާނާއަށް ބަލައިލިއެވެ.

"ހާދަ ހާސްވެފަ. އަނެއްކާ ކިހިނެއްވީ؟" އޭނާގެ ޖަވާބެއް ނުލިބުމުން އަނެއްކާވެސް ޒުވާނާ ވާހަކަ ދެއްކިއެވެ.

"ކީއްވެ އަނގައިން ނުބުނީ؟ ލިފްޓެއް ބޭނުންތަ؟ ގެންގޮސްދީފާނަމޭ"

އޭނާ ދުވަހަކުވެސް ނުދެކޭ އެ ޒުވާނާގެ ބަރު ހިތްގައިމު އަޑުގައިވާ ރައްޓެހި ރާގާއި މެދު ހައިރާންވެފައި ޒުވާނާގެ ބޮލުން ފެށިގެން ފަޔަށް އަވަސްކަޅިއަކުން ބަލައިލެވުނެވެ.

"މާވެޔޮ މަގާއި ހަމައަށް ގެންގޮސް ދެވޭނެ؟" ހޫނު މެންދުރުގެ އަވިން ސަލާމަތް ވުމަށް އަވި އައިނު ނަގާ ލޮލަށް ހެޔޮވަރު ކޮށްލަމުން އޭނާ މަޑުމަޑުން އަހާލިއެވެ.

"އާނ. ފުރަތަމަ ފެނުނީމަވެސް ކޮންމެވެސް ތަނަކަށް ދާން ލަސްވެފަ ހުރިހެން ހީވެއްޖެއޭ. އަވަހަށް އަރާ. އަސްތާ ނަން ބުނަން ވާނެނު" ސައިކަލް ސްޓާޓް ކޮށްލުމަށްފަހު ޒުވާނާ އަވަސް ރާގެއްގައި އަހާލިއެވެ.

"ޝިފޫ" ޒުވާނާގެ ގައިގައި ނުޖެހި ސައިކަލުގައި އިށީންނަމުން އޭނާ މުޅިން އެހެން ނަމެއް ބުނެލިއެވެ. ޒުވާނާގެ ތުންފަތް މަތިން އޭނާއަށް ފެނުނީ އަޖައިބެއް ފަދަ ރީތި ހިނިތުންވުމެކެވެ. ކޮން ކަހަލަ މީހެއް ހެއްޔެވެ. އަމިއްލަ ތަޢާރަފެއް ނުދީ ނަންވެސް އަހައިފިއެވެ. އޭނާ ވަކިން ތެދަށް ޖަވާބު ދޭންވީ ކީއްވެހެއްޔެވެ. ބޭނުމަކީ ގަޑި ނުޖެހި އޮފީހަށް ދިއުމެވެ. މިއީ ކޮންމެ މީހަކަށް ވިޔަސް ފަރުވާލެއް ނެތެވެ. އަމިއްލައަށް އައިސް އެހީގެ އަތެއް ދިއްކުރީ ކީއްކުރަން ހެއްޔެވެ. އޭނާ ބޭނުން ކަންތައް ވެއްޖެއެވެ. މިއީ ކާކުތޯ ބަލާކަށް އެއްވެސް ޝައުގުވެރިކަމެއް ނެތެވެ.

"ތޭންކްސް.." މާވެޔޮ މަގު ކަންމައްޗަށް މަޑުކޮށްލި ސައިކަލުން ފައިބަމުން އޭނާ ޝުކުރު އަދަކުރިއެވެ.

"އަދި ދިމާވާނެއެއްނު ދޯ؟" ޒުވާނާ ހިތްގައިމު ގޮތަކަށް ހިނިތުންވެލަމުން ސައިކަލް ދުއްވާލިއެވެ. އޭނާ އަދިވެސް ހުރީ ހައިރާން ވެފައެވެ. ދުވަހަކުވެސް ނުދެކޭ ނުދަންނަ މީހެކެވެ. އެކަމަކު ހާދަ ރައްޓެހި ގޮތަކަށް ވާހަކަ ދެއްކި ޒުވާނެކެވެ. އަޖައިބެކެވެ. އޭނާ ބޭނުންވީ ގަޑި ނުޖެހި އޮފީހަށް އައުމަށެވެ. އެކަން ވެއްޖެއެވެ. އެއީ ކޮންމެ މީހަކަށް ވިޔަސް ފަރުވާލެއް ނެތެވެ.

އޮފީހުގެ ބުރަ ދުވަހެކެވެ. ޓައިޕް ކުރަން ހުރި ސިޓީތައް ގިނައެވެ. ވެރިޔާގެ ސޮއި ކުރުވަން ޖެހޭ އެތައް ލިޔުމެއް ހުއްޓެވެ. އޮފީހަށް ވަދެ، އޭނާއަށް ޚާއްޞަ މޭޒު ދޮށުގައި އިށީނދެ މަސައްކަތް ފެށި ގޮތަށް އިރުއޮއްސި އަށެއް ޖަހާ ބޮޑުވި އިރުވެސް ހުރިހާ ކަމެއް އޮތީ ނުނިމިފައެވެ. ފަރިތަ އިނިގިލިތަކަކުން އަވަސް އަވަހަށް ހަލުވި ކަމާއިއެކު ޓައިޕް ކުރުމުން ލިޔުންތަކުން ކުށް ފިލުވަމުން އޭނާ ކުރިއަށް ދިޔައެވެ. އެންމެ ފަހުގެ ސިޓީ ޓައިޕް ކޮށް ނިންމާލުމަށްފަހު ޕްރިންޓް ކޮށްފިއެވެ.

"ޝައުފާ"

ޕްރިންޓް ކުރި ލިޔުންތަކާއި ސިޓީތައް ތަރުތީބުން ފައިލްތަކަށް ލުމުގައި އަވަދިނެތި އުޅުނު ޝައުފާ އެނބުރިލީ އޭނާގެ ނަމުން މީހަކު ގޮވާލި އަޑަށެވެ.

"ކީކޭ ޒިމޫ، ނިމުނީތަ؟" އެ ސެކްޝަނުގެ ފޯން އޮޕަރޭޓަރަށް ބަލައިލަމުން ޝައުފާ ހިނިތުންވެލިއެވެ.

"އާނ. ކައުންޓަރު ބަންދުކޮށްފަ މިއައީ. ޝައު ނިމުނުތޯ ބަލާލަންވެގެން. ކޮފީއެއް ނުބޯނަންތަ؟" ޒިމްނާ އަހާލިއެވެ.

"ނޫނޭ. ކޮފީދޫކޮށެއް ނުލާނެއެއްނު." ޝައުފާ ފައިލްތައް ނަގަމުން ވާހަކަ ދެއްކިއެވެ.

"މަޑުކުރައްޗޭ. ވެރިޔާއަށް މި ފައިލްތައް ހަވާލުކޮށްފަ އެބަ އަންނަން" ޝައުފާ އަތުގެ އިޝާރާތުން ޒިމްނާ ގާތު މަޑު ކުރުމަށް ބުނުމުން ވެރިޔާގެ ކެބިން ހުރި ދިމާލަށް ހިނގައިގަތެވެ.

"އަވަސް ފުރުޞަތެއްގަ ސަލާމަތް ވާނެބާ؟" ޒިމްނާ ލާނެތް ރާގަކަށް ބުނެލިއެވެ.

"ތިއީ ޕާސަނަލް ސެކްރެޓަރީއެއްނު. ވެރިޔާއަށް ޝައުފާ ފެނިއްޖެއްޔާ އެހާ ފަސޭހައިން ސަލާމަތެއް ނުވެވޭނެކަން ޔަގީން"

"ޕާސަނަލް ވިޔަސް މަސައްކަތް ނިމުމުން އެނިމުނީ. އިތުރު މަސައްކަތެއް ހަވާލުކުރިޔަސް ކޮފީ ބްރޭކަށް ދެވޭނެއެއްނު" ޝައުފާ ޔަގީން ރާގެއްގައި ބުންޏެވެ.

އޮފީހުގެ ވެރިޔާ ޒިޔާދު އަޚްތަރަކީ ސާޅީހަކަށް އަހަރުގެ އިސްކޮޅުން ދިގު ރީތި ކަސްރަތީ ހަށިގަނޑެއްގެ ވެރިއެކެވެ. ރައްޓެހި ހިނިތުންވުމެއްގެ ވެރިއަކަސް އެއީ އަބުއި މިޒާޖެއްގެ މީހެކެވެ. އަތްބަކާ ނުލައި ހަތް އަހަރަށްދާ ލޯބި ލޯބި އަންހެން ދަރިފުޅެއްގެ ޒިންމާ އުފުލަމުންދާ އޯގާތެރި ބައްޕައެއް ކަމަށްވާތީ، ޒިޔާދު އޮފީހުގެ މަސައްކަތުގައި ކިތަންމެ ބުރަކޮށް އުޅުނުނަމަވެސް ދަރިފުޅުގެ ކަންތައްތަކަށް ވަގުތު ދެއެވެ. ޒިޔާދުގެ ޕާސަނަލް ސެކްރެޓަރީ އަކަށް ހަރުދަނާ ހީވާގި ކެރޭ މުވައްޒަފަކު ބޭނުން ވެގެން އިޢުލާން ކުރީ މީގެ ފަސް އަހަރު ކުރިން އޭނާގެ އަނބިމީހާ ދަރިފުޅު އެކަނި މާއެކަނި އޭނާގެ ބޮލަށް ޖަހާފައި ދިޔަ ނުދިޔަ ތަނެއް ނޭނގި ގެއިން ފިލައިގެން ދިއުމުން މަސައްކަތުގެ މާހައުލަށް އޭނާއަށް އެހީތެރިވާނެ އިތުބާރު ކުރެވޭ މީހަކު ބޭނުންވާތީއެވެ. އިންޓަރވިއުއަށް ހާޟިރުވި ދިހަ ބާރަ ވަރަކަށް ކެނޑިޑެޓުންގެ ތެރެއިން ޝައުފާ އެ މަގާމަށް އައްޔަން ކުރީ އެންމެ ފުރަތަމަ ބައްދަލުވުމުންވެސް ޝައުފާގެ ހަރުދަނާ ކަމާއި ތެދުވެރިކަން ފާހަގަ ކުރެވުމުންނެވެ.

ޒިޔާދު އަޚްތަރުގެ ޕާސަނަލް ސެކްރެޓަރީކަން އޮތީ ހަމަ އެކަނި އޮފީހާއި ހިސާބުން ނިމޭ ގޮތަކަށް ނޫނެވެ. ޒިޔާދު އަޚްތަރުގެ ދެއަހަރުން ތިން އަހަރަށްދާ ދަރިފުޅު ނޯނާއަށް ކިޔަވައިދޭ ޓީޗަރެއްގެ ވަޒީފާއަށްވެސް އެންމެ ކަމުދާ މީހަކަށް ވީ ޝައުފާއެވެ. ވޭތުވެދިޔަ ފަސް ވަރަކަށް އަހަރު ތެރޭގައި ޒިޔާދުގެ ދިރިއުޅުމުގެ ބޮޑު ބައެއްގެ އެހީތެރިއަކީވެސް ޝައުފާއެވެ. އެހެންކަމުން ލިބޭ މުސާރައިން ޝައުފާއަށް މާ ބޮޑަށްވެސް ފުދެއެވެ. އޭނާ އަދާކުރާ ދެ ވަޒީފާއަކީވެސް އެހާ ޒިންމާ ބޮޑު ނުހަނު އަމާނާތްތެރިވާން ޖެހޭ ދެ ވަޒީފައެވެ.

(ނުނިމޭ)