ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފުގެ މައްޗަށް ހިންގާފައިވާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ ތަހުގީގުގައި ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން، ލަންކާ ރައްޔިތެއްގެ ހެކިބަސް ނަގާފައި ވަނީ އުސޫލާ ހިލާފަށް ކަމަށް ރައީސް އޮފީހުން އެސެޓް ރިކަވަރީ ކޮމިޝަނަށް އަންގައިފިއެވެ.
ސްރީލަންކާގެ ރައްޔިތެއްގެ ހެކިބަސް ނަގާފައި ވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ، އެ މައްސަލަ ބަލައި ދިނުމަށް މަހުލޫފް ވަނީ ރައީސަށް ސިޓީއެއް ފޮނުއްވައިފައެވެ.
މި މަހުގެ 11 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސިޓީއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެކަން ހިނގާފައިވާ ގޮތް ބެއްލެވުމަށް ފޮރިން މިނިސްޓްރީއަށް އަންގާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގައި މައްސަލަތަކެއް އުޅޭ ކަމަށްވާނަމަ އެކަންކަން ހާމަ ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒު ވަނީ ފޮރިން މިނިސްޓްރީން އެކަން ހިނގި ގޮތް ބަލައި ރައީސަށް ފޮނުވި ރިޕޯޓް، ރިޔާސީ ކޮމިޝަނަށް ރައީސް އޮފީހުން ފޮނުއްވިކަން "ވަން" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.
އަދި އެ ރިޕޯޓުގައި އުސޫލާ ހިލާފަށް ކޮށްފައިވާ ކަންކަން ފާހަގަކޮށް، ސިޓީއެއް އެ ކޮމިޝަނަށް ފޮނުވާފައިވާ ކަމަށްވެސް ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެފައިވާ ކަމަށް މަބުރޫކު ވިދާޅުވިއެވެ. ތަފުސީލެއް ނުދެއްވައެވެ.
ނަމަވެސް ރައީސް އޮފީހުން ފޮނުވި ސިޓީގެ މައުލޫމާތު އެ އޮފީހުގެ އޮފިޝަލަކު ވަނީ "ވަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.
ރައީސް އޮފީހުން ފޮނުވި ސިޓީގައި ބުނެފައި ވަނީ އާންމު އުސޫލުތަކުގެ ދަށުން ޖިނާއީ މައްސަލައަކާ ގުޅިގެން ބޭރު ގައުމެއްގެ މީހެއްގެ ބަޔާން ނަގަން ޖެހިއްޖެ ހާލަތެއްގައި އަމަލުކުރަންވީ އުސޫލުތަކެއްވާ ކަމަށެވެ.
އެގޮތުން އާންމު އުސޫލުތަކުގެ ދަށުން ޖިނާއީ މައްސަލަތަކާ ގުޅިގެން ބޭރު މީހެއްގެ ބަޔާން ނަގަން ޖެހިއްޖެ ހާލަތެއްގައި ބަޔާން ނެގުމުގެ ކަންކަން އިންތިޒާމު ކުރާނީ އެ މީހެއް ހުރި ގައުމެއްގެ ސަރުކާރެއްގައި ގާނޫނީ އެހީތެރިކަމަށް އެދި ހުށައަޅައިގެން ކަމަށާއި އެގޮތަށް އަމަލު ކުރާނީ މިއުޗުއަލް ލީގަލް އެސިސްޓެންސް ރިކުއެސްޓް ފޮނުވައިގެން ކަމަށްވެސް ސިޓީގައިވެއެވެ.
ނަމަވެސް ސްރީ ލަންކާގެ ރައްޔިތެއްގެ ބަޔާން ނެގުމުގެ އިންތިޒާމު ހަމަޖެއްސުމުގައި ކޮމިޝަނުން އަމަލުކޮށްފައި ވަނީ އެފަދަ ކަންކަމުގައި އަމަލުކުރަން ކަނޑައަޅާފައިވާ އުސޫލުތަކާއި ގާނޫނުގައިވާ ގޮތަށް ނޫން ކަމަށް ފޮރިން މިނިސްޓްރީގެ ނޯޓުގައި ބަޔާންކޮށްފައިވާ ރައީސް އޮފީހުން އެސެޓް ރިކަވަރީ ކޮމިޝަނަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.
އެކަމާ ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދާ "ވަން" އިން ސުވާލު ކުރުމުން އޭނާ ވަނީ ގާނޫނީ ގޮތުން އެފަދަ މައުލޫމާތެއް އާންމުކޮށް ހިއްސާ ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމާ ގުޅޭ ގޮތުން އިތުރު އެއްޗެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު