ޚަބަރު

ނ. ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ އަޕްޑޭޓް ދީފި

އައިޝަތު ނިއުޝާ

ނ. ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 65 ޕަސެންޓް ނިމިއްޖެއެވެ.

އެ މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން މައުލޫމޫތު ދޭ ގޮތުގައި، މި މަޝްރޫއުގެ ދަށުން ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް އިއްޔެ ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އަދި ހާބަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 89 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް މައުލޫމާތު ދީފައިވެއެވެ.

މި މަޝްރޫއުގެ ދަށުން، ލަންދޫ ބަނދަރުގެ 25,000 ކިއުބިކް މީޓަރުގެ ސަރަހައްދު ފުންކުރުމާއި، 256 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުން ހިމެނެއެވެ. އޭގެ އިތުރުން 401 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، އަދި 60 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުންވެސް ހިމެނެއެވެ. ހަމަ އެހެންމެ ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 1,280 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުންވެސް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ، 35.60 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.