އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމު ކަމާލުއްދީނަށް ދޭން އެމްޑީޕީން ނިންމައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި މާލޭ ސިޓީގެ ރައީސްކަން ކުރައްވާ އަކުރަމު، އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަނުވާ ކަމަށް އެ ޕާޓީން ނިންމީ އޭނާގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި އޮތް ކަމަށް އެ ކޮމިޝަނުން އެންގުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން އަކުރަމު ވަނީ އެ މައްސަލަ ރިވިއު ކޮށްދިނުމަށް އެދިފައެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އަކުރަމަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ނިންމާފައިވާ ނިންމުން ބާތިލުކޮށް، ވާދަ ކުރެވޭނެ ކަމަށް މިރޭ ވަނީ ނިންމައިފައެވެ.

ނަމަވެސް އެކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފުގެ ފޯނަށް ތަކުރާރުކޮށް ގުޅުމުންވެސް ޖަވާބުދެއްވާފައި ނުވާތީ، އެމްޑީޕީގެ ފަރާތުން ރަސްމީ ބަހެއް ލިބޭ ގޮތެއް ނުވިއެވެ.

އެކަމާ ގުޅިގެން އަކްރަމް މިރޭ "ވަން" އަށް ވިދާޅުވީ އޭނާއަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ކުރެވޭނެ ކަމަށް އަޑުތައް އިވިފައިވާ ކަމަށާއި ނަމަވެސް ރަސްމީކޮށް އެކަން އޭނާއަށް އަންގާފައިނުވާ ކަމަށެވެ.

ބޮޑެތި ކުށްތަކުގައި ތުހުމަތުވާ މީހުންނަށް، އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން އޮތީ ފާސްކޮށްފައެވެ. އޭގެ ތެރޭގައި އެސެޓް ރިކަވަރީ ކޮމިޝަނާއި މަރު ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށްވެސް އިންތިހާބުގައި ބައިވެރިއެއް ނުވެވޭނެއެވެ. ނަމަވެސް އެ ލިސްޓުގައި އަކުރަމުގެ ނަމެއް ނުހިމެނެއެވެ.

އަކުރަމުގެ އިތުރުން އޭސީސީގައި މައްސަލައެއް އޮތް ކަމަށް އެ ކޮމިޝަނުން އެންގުމުން މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ވާދަކުރައްވަން ފޯމު ހުށަހެޅުއްވި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފުގެ ޝަރުތު ހަމަނުވާ ކަމަށްވެސް އެމްޑީޕީން ވަނީ ނިންމައިފައެވެ. އެހެންކަމުން މަހުލޫފަށްވެސް އިންތިހާބުގައި ވާދަ ނުކުރެއްވޭނެކަން އޭނާއަށް ވަނީ އަންގައިފައެވެ.