ސަލްމާން ހާން ''ޓައިގާ 3'' ގެ މަސައްކަތުގައި އަވަދިނެތި އުޅޭ ފޮޓޯތަކެއް ލީކު ވެއްޖެ އެވެ.

މި ފޮޓޯތައް ލީކުވެފައިވަނީ ސަލްމާން ހާން އާއި ފިލްމުގެ ކުރޫން ރަޝިއާގައި ޝޫޓިން ތަކުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ.

މި ފިލްމުގެ ޝޫޓިންތައް ތާވަލާ އެއްގޮތަށް އަންނަ މަހުގެ ނިޔަލަށް ރަޝިއާގައި ކުރިއަށް ދާނެކަމަށް މައުލޫމާތު ލިބެއެވެ. ސަލްމާންހާން އަދި ކެޓްރިނާ ކެއިފް ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ޝޫޓިންތަކަށް ރަޝިއާއަށް ފުރައިފައެވެ. ލީކުވެފައިވާ ފޮޓޯތަކުގައި އޮރެންޖު ކުލައިގެ ބޮޑު އިސްތަށިގަނޑަކާއި ދިގު ތުނބުޅިއެއްގައި ސަލްމާންހާންގެ ފެނިލުން ވަރަށްވެސް ތަފާތެވެ. މިއިން އެއްވެސް ފޮޓޯއެއްގައި ކެޓްރީނާ ފެނިފައެއް ނުވެއެވެ.

މަނީޝް ޝަރުމާ ޑައިރެކްޓުކުރާ ''ޓައިގާ 3'' އަކީ މި ސީރީސްގެ ތިން ވަނަ ފިލްމެވެ. މީގެ ކުރިން ނެރެފައިވާ ''އެކް ތާ ޓައިގާ'' ކަބީރު ހާން ޑައިރެކްޓުކޮށްފައިވާއިރު ދެވަނަ ފިލްމު ''ޓައިގާ ޒިންދާ ހޭ'' ޑައިރެކްޓުކޮށްފައިވަނީ އަލީ އައްބާސް ޒަފަރު އެވެ.

''ޓައިގާ 3'' ގައި ސަލްމާން އަދި ކެޓްރީނާގެ އިތުރުން އިމްރާން ހާޝްމީ ނެގެޓިވް ރޯލަކުން ފެނިގެންދާނެއެވެ.

ސެޕްޓެމްބަރުގެ ނިޔަލަށް ޓައިގާ 3 ގެ ޝޫޓިންތައް ރަޝިއާގައި ނިންމާލުމަށްފަހު އޮކްޓޯބަރު މަހުގެ ތެރޭގައި ބިގްބޮސް 15 ގެނެސްދިނުމަށް ސަލްމާން ހާން ވަނީ ނިންމައިފައެވެ.

ސަލްމާންގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލާއިރު ޕޫޖާ ހެގްޑޭ އާއެކު ކުޅެން ހަހަޖެހިފައިވާ ''ކަބީ އީދު ކަބީ ދިވާލީ'' އަދި އަޔޫޝް ޝަރްމާ އާއެކު ކުޅުމަށް ހަމަޖެހިފައިވާ ''އަންތިމް - ދަ ފައިނަލް ޓްރުތު'' ހިމެނެއެވެ. މީގެ އިތުރުންވެސް ޝާހްރުކް ހާން ގެ ފިލްމު ''ޕަތަން'' ގައި ވެސް ހާއްސަ ފެނިލުމަކުން ސަލްމާން ހާން ފެނިގެންދާނެއެވެ.