ރާއްޖެއިން އާއްމުކޮށް ނުފެންނަ ބާވަތެއްގެ ނުރައްކާތެރި ބޯވައެއް ފެންނާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރުއައި) އިން އިލްތިމާސްކޮށްފިއެވެ.
އެމްއެމްއާރުއައިން މިއަދު ބުނީ ބްލޫރިންގްޑް އޮކްޓޮޕަސްއަކީ ރާއްޖެއިން އާންމުކޮށް ފެންނަކަމަށް ފާހަގަކުރެވިފައި ނުވާ ބާވަތެއް ނަމަވެސް، މިފަހަކަށް އައިސް އެބާވަތުގެ ބޯވަ ރާއްޖޭގެ އެކި ސަރަހައްދުން ކޮންމެވެސް މިންވަރަކަށް ފެންނަމުން އަންނަ ކަމަށެވެ. އަދި މިއީ ރާއްޖޭގައި އާންމުކޮށް އުޅޭ ބާވަތްތަކުގެ ބޯވައާ ހިލާފަށް، ސައިޒުން ކުޑަ ބޯވައެއް ކަމަށާއި މި ބޯވާއަށް ނުރައްކާ އިހުސާސުވުމުން އޭގެ ހަންގަނޑަށް ގަދަ ނޫކުލައިގެ ވަށް ބޮޅުތަކެއް އަރުވާ ކަމަށްވެސް ބުންޏެވެ.
އެ ބޯވަ ކާނާ ހޯދުމަށާއި ނުރައްކަލުން ދިފާއުވުމަށްޓަކައި ނިއުރޯޓޮކްސިންއެއް ނުވަތަ ނާރުތަކަށް ހަމަލާ ދޭ ވިހައެއް ބޭރުކުރެއެވެ. މިއީ ހިއްސުތަކާ ބެހޭ ނާރުތަކަށް ހަމަލާ ދޭ ވިހައެކެވެ.
އެމްއެމްއާރުއައިން ބުނީ ބްލޫރިންގްޑް އޮކްޓޮޕަސް އުފައްދާ ނިއުރޯޓޮކްސިންއަކީ އިންސާނުންނަށްވެސް ވަރަށް ނުރައްކާތެރި ވިހައެއް ކަމަށެވެ. އެގޮތުން ހަށިގަނޑުގެ ތެރެއަށް ނިއުރޯޓޮކްސިންގެ އަސަރު ކޮށްފިނަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނޭވާ ހާސްވުމާއި ވާގި ދިއުން ފަދަ އަލާމާތްތައް ފެންނަން ފަށާ ކަމަށް ބުންޏެވެ.
ވިހަވުމުގެ އެހެން އަލާމާތްތަކުގެ ތެރޭގައި ބޯއަނބުރާ ހޮޑުލަވާ ގޮތް ވުމާއި ހިތް ހުއްޓުން ފަދަ ކަންކަންވެސް ހިމެނޭ ކަމަށާއި އަދި ބައެއް ހާލަތްތަކުގައި ނޭވާލާ ނިޒާމުގެ ބައިތަކުން ވާގިދިއުމުގެ ސަބަބުން ވިހައިގެ އަސަރުކޮށްފައިވާ މީހާ މަރުވުން އެކަށީގެންވާ ކަމަށްވެސް އެމްއެމްއާރުއައިން ބުންޏެވެ.
އެފަދަ ހާލަތްތަކުގައި ފުރާނަ ސަލާމަތްކުރުމަށް ބޯވަ ދަތް އަޅައި ވަގުތުން ފެށިގެން ހަށިގަނޑުން ވިހައިގެ އަސަރު މުޅިން ފިލައިދެން، ކުއްލި ފަރުވާގެ ގޮތުގައި މަސްނޫއީކޮށް ނޭވާލައްވަން އެމްއެމްއާރުއައިން ވަނީ އިލްތިމާސްކޮށްފައެވެ. ވިހައިގެ އަސަރު ކުރާތާ 24 ގަޑިއިރުގެ ތެރޭގައި އިންސާނާގެ ހަށިގަނޑުން ވިހައިގެ އަސަރު މުޅިން ފިލައިދާ ކަމަށްވެސް އެމްއެމްއާރުއައިން ބުންޏެވެ.
މިބޯވައިގެ ވިހަ ހަށިގަނޑުން ނައްތާލުމަށް ފަރުވާދިނުމަށްޓަކައި އެންޓިވެނަމެއް ހޯދިފައެއް އަދި ނެތެވެ. އެހެންކަމުން ބޯވައިގެ ވިހައިގެ އަލާމާތްތައް އިހުސާސް ކުރެވިއްޖެ ނަމަ، ލަސްނުކޮށް ސިއްހީ އަވަސް ފަރުވާ ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް އެމްއެމްއާރުއައިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު