ބ. އޭދަފުށީގެ މޮނީޓަރިންގެ ހާލަތު އުވާލައި، އާންމު ހާލަތަށް ގެނެސްފިއެވެ.
އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ ފުލޫ ކްލިނިކަށް ދެއްކި ހަތަރު މީހަކު ޕޮޒިޓިވް ވެގެން މިދިޔަ ހޯމަ ދުވަހުއެވެ.
ސީނިއާ ކޮމިއުނިޓީ ހެލްތު އޮފިސަރު ސިދުގީ އަބްދުﷲ މިރޭ "ވަން" އަށް ވިދާޅުވީ ކޭސްތައް މަދުވުމާއި ގުޅިގެން އެރަށް މިހާރު މޮނީޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށެވެ. އެރަށް މޮނީޓަރިންގެ ހާލަތުން ނަގާފައި ވަނީ މިއަދު ކަމަށްވެސް ވިދާޅުވިއެވެ.
ސިދުގީ ވިދާޅުވީ އެ ހަތަރު މީހުންނާ ކޮންޓެކްޓުވި އެންމެން ދެނެގަނެވި، އެންމެން ކަރަންޓީނު ކޮށްފައިވާ ކަމަށެވެ. އަދި އެ ހަތަރު މީހުންނާ އެކު އެރަށުން ޖުމުލަ 19 މީހަކު މިހާތަނަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެ އެންމެންނަކީވެސް ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޕޮޒިޓިވްވި މީހުން ކަމަށް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އެރަށް މޮނީޓަރިންގެ ހާލަތުން ނެގި ނަމަވެސް ރަށުގައި ރައްކާތެރި ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އެގޮތުން މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުމާއި އެއްވެ ނޫޅުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެ ކުރިން ދެ މަސް ދުވަހަށް އޭދަފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވެއެވެ. އެފަހަރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ އެރަށު ފުލޫ ކުލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
އާބާދީގައި ތިން ހާހަށް ވުރެ ގިނަ މީހުން ދިރިއުޅޭ އޭދަފުށިން އެފަހަރު ޖުމުލަ 315 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއެވެ. އަދި ބަލީގައި ތިން މީހަކު މަރުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު