ވިލިމާލޭގައި 2011 ވަނަ އަހަރު ހިނގި މާރާމާރީއެއްގައި، ނ. މާޅެންދޫ ވައިޓްހައުސް، އަހުމަަދު މިރުޒާ އިބްރާހިމް މަރާލި މައްސަލާގައި މަރަށް ހުކުމް ކޮށްފައިވާ ޏ. ފުވައްމުލަކު ޒާވިއާ، އަބްދުﷲ ނަޒީފް ސުޕްރީމް ކޯޓަށް ހުށަހަޅައިގެން މިއަދު ކުރިއަށް ގެންދިޔަ އިސްތިއުނާފު އަޑު އެހުމުގެ ތެރޭގައި، ޝަރީއަތުގެ މަޖިލީހަށް ދޮގު ހަދައި ޝަރީއަތުގެ ނިޒާމަށް ހުރަސް އެޅި މައްސަލައިގައި 2،000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލިސް ފެށުމާއެކު، ސިއްހީ ހާލަތު ހުރިގޮތުން ޝަރީއަތް ކުރިއަށް ގެންދަން ބޭނުން ނުވާކަމަށް ބުނެ އަޑުއެހުން ފަސްކޮށްދިނުމަށް އަބްދުﷲ ނަޒީފް އެދުނެވެ. އަދި ލޮލާއި ބޮލުގައި ވަރަށް ގަދަޔަށް ރިއްސާ ކަމަށްވެސް ބުންޏެވެ.
އޭނާ ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވީ، މާފުށީ ޖަލުގެ ކޯޓު ރޫމުންނެވެ.
އެކަމާ ގުޅިގެން އެކަމާބެހޭ ލިޔެކިޔުންތައް ހުރިތޯ، މިއަދުގެ ޝަރިއަތުގެ މަޖިލީހުގެ ބެންޗުގައި އިސް ފަނޑިޔާރެއްގެ ގޮތުގައި އިންނެވި، ފަނޑިޔާރު އާއިޝާ ސުޖޫން ސުވާލު ކުރެއްވިއެވެ. ނަޒީފް ބުނީ އަދި ޓެސްޓް ހެދިފައި ނުވާ ކަމަށާއި، ލޮލުގެ ސާޖަރީއެއް ހެދުމަށް ރިފާ ކޮށްފައިވާނެ ކަމަށެވެ. އަދި ލޮލާއި ބޮލުގައި ރިއްސުމުގެ އިތުރުން ހުން އައިސްފައިވާ ކަމަށާއި، ޖަލުގެ ބައެއް އޮފިސަރުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާތީ އެކަމަށް ޓެސްޓް ހަދަން ބޭނުންވާ ކަމަށްވެސް އޭނާ ބުންޏެވެ.
ފަނޑިޔާރު ވިދާޅުވީ، އެކަންކަމަކީ ސީދާ ޝަރީއަތާ ގުޅުން ހުރި ކަންކަން ނޫން ކަމަށާއި، ޖަލުގެ އިދާރީ އިންތިޒާމުތަކުގެ ތެރެއިން އެކަންކަން ހަމަޖެހޭނެ ކަމަށެވެ. އަދި މިއަދުގެ ޝަރީއަތް ކުރިއަށް ނުގެންދަން ނިންމަވާނެ ހަމައެކަނި ގޮތަކީ، ނަޒީފްގެ ސިއްހީ ކަންކަން އެނގޭނެ ރަސްމީ ލިޔުމެއް ލިބުމުން ކަމަށްވެސް ވިދާޅުވިއެވެ.
އެއަށްފަހު ނަޒީފްގެ ވަކީލު އިސްމާއިލް މުހައްމަދަށް ފަނޑިޔާރު ފުރުސަތު ދެއްވިއެވެ.
އޭނާ ވިދާޅުވީ، އޭނާގެ މުވައްކިލުގެ ސިއްހީ ހާލަތު ރަނަގަޅު ދުވަހެއްގައި ޝަރީއަތް ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ. އަދި ކޯޓުން ބޭނުން ނަމަ ނަޒީފް ދައްކާ ވާހައިގެ ހަގީގަތް ބެލޭނެ ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އާއްމު އުސޫލަކީ ބަލިކަމެއް ހުރިނަމަ ޝަރީއަތުގެ މަޖިލިސް ފެށުމުގެކުރިން އެކަން ހުށަހެޅުން ކަމަށް ވިދާޅުވެ، ފަނޑިޔާރު ކުޑަ ހިނދުކޮޅަކަށް ޝަރީއަތް މެދު ކަނޑުއްވައިލެއްވިއެވެ.
ދެވަނަ ފަހަރަށް ޝަރީއަތް ފެށުމަށްފަހު، ނަޒީފުގެ ހާލަތު ސާފުކޮށްދެއްވުމަށް އޭނާ ބަލަހައްޓަން ކޯޓު ރޫމުގައި ހުންނެވި ޕްރިޒެންސް އޮފިސަރާ ފަނޑިޔާރު ސުވާލު ކުރެއްވިއެވެ.
ޕްރިޒެން ޕްރައިވެޓް އަހުމަދު އިވާން ވިދާޅުވީ، ނަޒީފުގެ ލޮލާއި ބޮލުގައި ރިއްސާ ވާހަކަ ބުނީ ކޯޓަށް ހާޒިރުކުރަން ކޯޓު ރޫމަށް ގެނައި ގަޑީގައި ކަމަށެވެ.
އެއަށްފަހު ޕީޖީ އޮފީހުގެ ވަކީލުންނަށް ފަނޑިޔާރު ފުރުސަތު ދެއްވިއެވެ. ޕީޖީގެ ވަކީލުން ވިދާޅުވީ، ވަގުތުކޮޅެއް ދެއްވައިފިނަމަ ނަޒީފުގެ މެޑިކަލާ ބެހޭ މައުލޫމާތު ސާފުކޮށްދެވިދާނެ ކަމަށާއި އެކަމަށް 10 ވަރަކަށް މިނިޓް ބޭނުންވާ ކަމަށެވެ.
އެކަމަށްޓަކައި ކުޑަ ވަގުތުކޮޅަކަށް މެދު ކަނޑައިލުމަށްފަހު ޝަރީއަތް ފެށިއެވެ.
ކަރެކްޝަން ސާވިސްއިން ދީފައިވާ ނަޒީފްގެ ސިއްހީ ހާލަތާބެހޭ މައުލޫމާތު ޝަރީއަތުގެ މަޖިލީހާ ހިއްސާ ކުރައްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، އެންމެ ފުރަތަމަ އޭނާގެ ލޯ ދައްކާފައި ވަނީ، ޖަލުގައި ހިންގި އައި ކޭމްޕެއްގައި 24 ޖެނުއައީ 2020 ގައި ކަމަށެވެ. އަދި ސްޕެޝަލިސްޓަކަށް ދައްކަން ރެފަރެލްއެއް ލިބިފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ. އޭގެ އިތުރުން ދެން އޭނާ ދައްކާފައި ވަނީ ހަމުގެ ޑޮކްޓަރަކާއި ޑެންޓިސްޓަކަށް ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ވަރަށް ބޮޑަށް ހުން އައިސްފައި ހުރުމުން ބޭސް ކައިގެން ހުން މަޑުވުމަށް ވަގުތު ދިނުމަށްފަހު ޝަރީއަތް ކުރިއަށް ގެންދަން ފަނޑިޔާރުންގެ ކިބައިން ނަޒީފް އެދުނެވެ.
އެކަމާ ގުޅިގެން ނަޒީފަށް ބޭސް ދިނުމަށާއި، ހުމުގެ ރީޑިންއަކީ ކޮބައިތޯ ބެލުމަށް ކަރެކްޝަން އޮފިސަރަށް އެންގުމަށްފަހު، ފަނޑިޔާރު އަނެއްކާވެސް ޝަރީއަތް މެދު ކަނޑުއްވައިލެއްވިއެވެ.
ތިންވަނަ ފަހަރު ޝަރީއަތް ފެއްޓުމަށްފަހު، ފަނޑިޔާރު އާއިޝާ ސުޖޫން ނަޒީފުގެ ސިއްހީ ހަލާތާ ބެހޭ ގޮތުން ޕްރިޒެންސް އޮފިސަރާ ސުވާލު ކުރެއްވިއެވެ.
ފަނޑިޔާރުގެ ސުވާލަށް ޖަވާބު ދެއްވަމުން ޕްރިޒެން ޕްރައިވެޓް އަހުމަދު އިވާން ވިދާޅުވީ، ނަޒީފްގެ ހުން ހުރި 36.8 ގައި ކަމަށާއި، އޮކްސިޖަން ލެވެލް ހުރީ 99 ގައި ކަމަށާއި، ބީޕީ ހުރީ141 ގައި ކަމަށެވެ. އެކަން ސާފުކުރީ ޑޮކްޓަރެއް ގާތަށް ގޮސްގެން ކަމަށާއި، ސިއްހީ ގޮތުން ކަންބޮޑުވާން ޖެހޭ ކަމެއް ނަޒީފްގެ އޮތް ކަމަށް ޑޮކްޓަރު ފާހަގަކޮށްފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ފަނޑިޔާރު އާއިޝާ ސުޖޫން ވިދާޅުވީ، ނަޒީފް ޝަރީއަތުގެ މަޖިލީހަށް ދޮގުހެދި ކަމަށް ބައްލަވާ ކަމަށާއި، އަދި ޝަރީއަތުގެ ނިޒާމަށް ހުރަސް އެޅި ކަމަށް ބަަލައި ކަމުގެ އަދަބެއްގެ ގޮތުން، ކޯޓުތަކުގެ ގާނޫނުގެ ދަށުން، 2،000 ރުފިޔާއިން ނަޒީފް ޖޫރިމަނާ ކުރައްވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި، ނަޒީފު މޭޒު މަތީގައި ބޯއެޅުން ފަދަ ކަންކަން ކުރަމުން ގެންދިއުމުގެ ސަބަބުން ޝަރީއަތުގެ މަޖިލީހުގައި ރީއްޗަށް އިނުމަށް ފަނޑިޔާރު ތަކުރާރުކޮށް އެންގެވިއެވެ.
ސުޕްރީމް ކޯޓް