ތިން ހަފުތާ ފަހުން ރާއްޖޭގައި ކޮވިޑް ޖެހިގެން މީހަކު މަރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މިއަދު ހެނދުނު މަރުވެފައިވަނީ އއ. ހިމަންދޫން ކޮވިޑް ޖެހިގެން އިތުރު ފަރުވާއަށް ހުޅުމާލޭ ކޮވިޑް ފެސިލިޓީއަށް ގެނައި އުމުރުން ދުވަސްވީ އަންހެނެކެވެ.

ހިމަންދޫން އޭނާ މާލެ ގެނެސްފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ރޭގަ އެވެ.

މިއަދު މަރުވި މީހާއާ އެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިވަނީ 223 އަށް އަރާފަ އެވެ.

ރާއްޖޭގައި ކޮވިޑް ޖެހިގެން އެންމެ ފަހުން މީހަކު މަރުވެފައިވަނީ، މި މަހުގެ ތިން ވަނަ ދުވަހު އެވެ. ފުވައްމުލަކު ސިޓީން މަރުވި އެ މީހާއަކީ 94 އަހަރުގެ މީހެކެވެ.

ރާއްޖެ އިން ކޮވިޑު ޖެހޭ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވެފައިވީ ނަމަވެސް މާލެ އަށް ވުރެން ގިނަ ކޭސްތައް ރިޕޯޓް ކުރަމުން އަންނަނީ އަތޮޅުތެރޭގެ ރަށް ރަށުންނެވެ.

އެގޮތުން މި މަހުގެ ތިން ވަނަ ދުވަހު މޮނިޓަރިން އަށް ލާފައިވާ ހިމަންދޫން މިހާތަނަށް ވަނީ 250 މީހަކަށް ކޮވިޑް ޖެހިފަ އެވެ. ހާހަކަށް ވުރެން މަދު މީހުން ދިރިއުޅޭ އެ ރަށުން ގިނަ އަދަދެއްގެ ބަޔަކަށް ކޮވިޑް ޖެހިފައިވާއިރު، މިއަދު މަރުވި މީހާގެ އިތުރުން އުމުރުން ދުވަސްވީ އިތުރު މީހަކު ވެސް ވަނީ އިތުރު ފަރުވާއަށް ހުޅުމާލެ ކޮވިޑް ފެސިލިޓީއަށް ގެންގޮސްފަ އެވެ.