ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރިޔަސް މޮނިޓަރިންގައިވާ ރަށްރަށަށް ދިޔުމަށް ލުޔެއް ނެތް ކަމަށް ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް، ތަސްލީމާ އުސްމާން ވިދާޅުވެއްޖެއެވެ.

ވަން އޮންލައިން އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ތަސްލީމާ ވިދާޅުވީ، ދެޑޯޒް ފުރިހަމަކޮށްފައި ހުރި ނަމަވެސް މޮނިޓަރިންގައި ހުރި ރަށްރަށަށް ދަތުރު ކުރެވޭނީ ޒަރޫރީ ބޭނުމެއްގައި އެކަނި ކަމަށެވެ. އެގޮތުން ޑޮކްޓަރަށް ދެއްކުން ފަދަ ކޮންމެހެން ދާން ޖެހިއްޖެ ހާލަތެއްގައި ނޫނީ ނުދެވޭނެ ކަމަށެވެ.

ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައިވާ މީހުންނަށް މޮނިޓަރިންގައިވާ ރަށްރަށަށް ދަތުރުކުރުމުގައި ވެކްސިން ޖަހާފައި ނުވާ މީހުންނެކޭ އެއްފަދައިން އަމަލު ކުރަމުންދާތީ ބައެއް މީހުން އަންނަނީ ފާޑުކިޔަމުންނެވެ.

މިކަމާ ގުޅިގެން ސުވާލުކުރުމުން ތަސްލީމާ ވިދާޅުވީ، ކުރީގައި އަމަލުކުރަމުން ދިޔަ ގޮތަށް ބަދަލެއް ގެނައުމާއި، އަދި ވެކްސިން ހަމަކޮށްފައިވާ މީހުންނަށް މޮނީޓަރިންގައިވާ ރަށްރަށަށް ދަތުރުކުރުމުގައި ލުއިދިނުމަށްވުރެ ބޮޑަށް ވިސްނަވަނީ ރައްކާތެރިކަމަށް ކަމަށެވެ.