ޚަބަރު

މުރަކަ އާއި މިޔަރުން އުފައްދާފައި ހުންނަ ތަކެތި ފިހާރަތަކުގައި އަދިވެސް ވިއްކާ، ފިޔަވަޅު އަޅާނަން: ފިޝަރީޒް މިނިސްޓްރީ

ރިފާ ހަލީލު

މިޔަރާއި މިޔަރުގެ ބާވަތްތައް ބޭނުންކޮށްގެން އުފައްދާފައި ހުންނަ ތަކެތި ވިއްކައި ވިޔަފާރިކޮށް އެތަކެތި ޑިސްޕްލޭ ކޮށްފައި ބެހެއްޓުމަކީ މަނާ ކަމެއް ކަމަށާއި އެކަން ތަކުރާރު ނުކުރުމަށް ފިޝަރީޒް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ފިށަރީޒް މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހިފުމާއި، ނެގުމާއި، މެރުމާއި، ބޭނުން ބާވަތްތަކުގެ ތެރޭގައި ހިމެނޭ ބާވަތްތަކާއި އެބާވަތްތަކުން އުފައްދާފައިވާ ތަކެތި ވިޔަފާރީގެ އުސޫލުން ވިއްކަމުން ގެންދިއުމާއި އަދި ވިޔަފާރި ކުރާތަންތަނުގައި ޑިސްޕްލޭކޮށްފައި ބަހައްޓާފައި ހުންނަކަން އެ މިނިސްޓްރީއަށް އަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން މިޔަރާއި މިޔަރުގެ ބާވަތްތައް ބޭނުންކޮށްގެން އުފައްދާފައިވާ އުފެއްދުންތަކާއި، މުރަކަ އާއި މުރަކަ ބޭނުންކޮށްގެން އުފައްދާފައިވާ އުފެއްދުންތައް މަދުންނަމަވެސް ފިހާރަތަކުގައި ވިއްކުމަށް ޓަކައި ޑިސްޕްލޭކޮށްފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިކަމަކީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުން މަނާކަމެއް ކަމަށެވެ.

އެފަދަ ކަންތައްތައް ނުކުރަން އިލްތިމާސް ކުރަމުން މިނިސްޓްރީން ބުނީ ގަވައިދުތަކުގައި ކަނޑައަޅައިފައިވާ ފިޔަވަޅުތަކުގެ މަގުސަދަކީ ޖުމުލަ ގޮތެއްގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ލާބަޔާއި މަންފާއަށް ޓަކައި ކަނޑައެޅިފައިވާ ފިޔަވަޅުތަކެއް ކަމުގައިވާތީ، އެންމެހައި ފަރާތްތަކުން ވެސް އެ ފިޔަވަޅުތަކާއި އެއްގޮތަށް އަމަލުކުރުމަށް ހަނދާން ކޮށްދޭ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ މެދު އެ މިނިސްޓްރީގެ ފަރާތުން މަސްވެރިކަމުގެ ގާނޫނާއި އެގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކުގެ ދަށުން އިދާރީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގެ އިންޒާރު މިނިސްޓްރީން ވަނީ ދީފަ އެވެ.