ރިޔާސީ ނިޒާމަކީ ރައްޔިތުންނާ ދުރު ނިޒާމެއް ކަމަށާއި ރައްޔިތުން ބޭނުންނަމަ ސަރުކާރު ވައްޓާލެވެން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ބައެއް މެންބަރުން އިސްވެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ސޯލިހަށް ހުށަހަޅާ ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށައިފައެވެ. ޕެޓިޝަނުގައި ސޮއިކުރުމުގެ މަސައްކަތް މިއަދު ހަވީރު ފެށުނީ "ތޫމް ރެސްޓޯރަންޓު" ގައެވެ.
އެ ޕެޓިޝަނުގައި ސޮއިކުރި މެންބަރުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ އަރިސް ބައެއް މަޖިލިސް މެންބަރުން ހިމެނިވަޑައިގަންނަވައެވެ. އެގޮތުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ސޮއިކުރެއްވިއެވެ.
ޕެޓިޝަނުގައި ސޮއިކުރުމަށް ތޫމް ރެސްޓޯރަންޓަށް ހާޒިރުވި މީހުންނާ ވާހަކަދައްކަވަމުން ބޮންޑޭ ވިދާޅުވީ ރައްޔިތުންގެ ވެރިކަން ރައްޔިތުންނާ ހަވާލުކުރުމަކީ އެމްޑީޕީން އަބަދުވެސް ދެކޭ ގޮތް ކަމަށާއި އެހެންނަމަވެސް މިހާރު ރާއްޖޭގައި މި ކުރާ ވެރިކަމަކީ ރައްޔިތުންނާ ދުރު ނިޒާމެއް ކަމަށެވެ. އަދި ރައްޔިތުން ބޭނުންނަމަ ސަރުކާރު ވައްޓާލެވެން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން 2008ގެ އިންތިހާބަށް ނުކުތް އިރު ޖެހި ލަވަ އަދިވެސް މި ޖަހަނީ. އެހެންނަމަވެސް އެއީ އެއް ޖީލު ކުރި. މިހާރު ތިބި ޒުވާނުން އޭރު ރިޔާސީ، ބަރުލަމާނީ ނިޒާމާ މެދު ނެގުނު ވޯޓާ މެދު ސުވާލު އުފައްދާ،" އޭނާ ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ 2008ގެ ވެރިކަމުގައި އޭރުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަންކަން ކުރެއްވީ ވަރަށް ބާރު ސްޕީޑުގައި ކަމަށާއި އޭރު ރިޔާސީ ނިޒާމެއް އޮތް ނަމަވެސް ރައްޔިތުން ކުރިމައްޗަށް ރައީސް ނަޝީދު ވަޑައިގެންނެވީ ބަރުލަމާނީ ރައީސްގެ ގޮތުގައި ކަމަށެވެ. އަދި އޭރު ރައީސް ނަޝީދަށް ވެރިކަން ކުރެއްވުނީ އެމަނިކުފާނަކީ ވަރަށް ހީވާގި ރައީސަކަށް ވީމަ ކަމަށް ވެސް ވިދާޅުވިއެވެ.
މިއަދު ސޮއިކުރަން ފެށި އެ ޕެޓިޝަނާ ގުޅޭގޮތުން ރައީސް ނަޝީދު ވެސް ވަނީ ވާހަކަދައްކަވައިފައެވެ. އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވަނީ ވީހާވެސް ގިނަ ބަޔަކު ޕެޓިޝަނުގައި ސޮއިކުރުމަށް އެދިވަޑައިގެންފައެވެ.
ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކުރުމަށް އެންމެ ބޮޑަށް ވަކާލާތުކުރައްވާ ބޭފުޅަކީ އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް، ރައީސް ނަޝީދެވެ. އެމަނިކުފާނު މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއަށް އެންމެ ރަނގަޅު ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމެވެ.
އެކަމާ ގުޅޭގޮތުން ރައީސް ސޯލިހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލްއަޒީޒު ވިދާޅުވީ ރައީސްގެ ފޯކަސްއަކީ ނިޒާމު ބަދަލުކުރެއްވުން ނޫން ކަމަށާއި އެމަނިކުފާނުގެ ފޯކަސްއަކީ އިގުތިސާދު އަލުން އާރާސްތުކޮށް ވައުދުތައް ފުއްދުން ކަމަށެވެ. އަދި ރައްޔިތުންގެ ވޯޓަކާއެކު ވެރިކަމުގެ ނިޒާމު ބަދަލުކުރަން ގިނަ ބަޔަކަށް ފެންނަ ނަމަ، އެކަން ކުރައްވަން ރައީސް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު