އިނގިރޭސިވިލާތުގެ ރެޑް ލިސްޓުގައި ރާއްޖެ އޮންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފަރަހަނާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިނގިރޭސިވިލާތުން ބޭނުންވާ ޑޭޓާތަކާއެކު ގިސައިޑް ވެބްސައިޓު މިހާރު އަޕްޑޭޓްކޮށްފައިވާ ކަމަށާއި އިނގިރޭސިވިލާތުގެ ރެޑް ލިސްޓުގައި މިހާރު ރާއްޖެ އޮންނަން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ކޭސްތައް މަދު އަދި ވެކްސިން ޖެހުން މީހުންގެ އަދަދު އެހެން ގައުމުތަކާ އަޅާ ބަލާއިރު އިތުރު" ޑރ. ފަރަހަނާޒް ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ރެޑް ލިސްޓުން ރާއްޖެ އުނިކުރަން ޖެހޭ ކަމަށް ޑރ. ފަރަހަނާޒް ވިދާޅުވި އިރު، އިނގިރޭސިވިލާތުގެ ޓްރެވެލް އެކްސްޕާޓެއް ކަމަށްވާ ޓިމް ވައިޓްވެސް ވަނީ އިނގިރޭސިވިލާތުގެ ރެޑް ލިސްޓުން ރާއްޖެ އުނިކުރާނެ ކަމަށް ލަފާކޮށްފައެވެ.

އިނގިރޭސި ވިލާތުގެ ކޮވިޑް ރިވިއު ދެން އާންމު ކުރާނީ އަންނަ ބުދަ ނުވަތަ ބުރާސްފަތި ދުވަހުއެވެ.

އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ގައުމެކެވެ. ނަމަވެސް ރެޑް ލިސްޓުގައި ރާއްޖެ ހިމެނުމާއެކު އެގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފައެވެ.