ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލާފައިވާތީ، ބޭނުން ނުކޮށް ހުރި ރެވެނިއު ސްޓޭމްޕްތަކަށް ފައިސާ ދޭން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމައިފިއެވެ.

ރަސްމީ ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލީ އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު މިދިޔަ ޖުލައި މަހު އުވާލުމާ ގުޅިގެންނެވެ.

މީރާ އިން މި ހަފުތާގައި ނެރުނު ބަޔާނެއްގައި ބުނީ، އެ ގާނޫނުގެ ދަށުން އެ އޮތޯރިޓީން ވިއްކާފައިވާ ސްޓޭމްޕުގެ ތެރެއިން ބޭނުން ނުކޮށް ހުރި ސްޓޭމްޕް ރީފަންޑު ކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އެކަމަށް އެދޭ މީހުން އަންނަ ނޮވެމްބަރު 15ގެ ކުރިން އެކަމަށް އެދި ހުށަހެޅޭނެ ކަމަށެވެ.

އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވައިލަނީ، 1970 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ގާނޫނެއް ކަމަށް ވެފައި، އެ ގާނޫނުގެ ދަށުން ރެވެނިއު ސްޓޭމްޕު ޖެހުމުގެ ނިޒާމު ހިންގުމަށް ޓަކައި ހިނގާ ހަރަދާ އަޅައިބަލާ އިރު ލިބޭ އާމްދަނީ އަކީ އެކަށީގެންވާ އާމްދަނީއެއް ކަމުގައި ނުވާތީއެވެ.