ތ. ގާދިއްފުށީ ބިމުގެ ދަތިކަން ހައްލުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެރަށުގެ ކައުންސިލުން އެދިއްޖެއެވެ.

ރައީސް ސޯލިހު މިއަދު ވަނީ ގާދިއްފުށީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ގާދިއްފުށި ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާކޮށްފައެވެ. އެގޮތުން އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ބިމުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ބޯހިޔާވަހިކަން ހޯދުމުގައި ހުރި ގޮންޖެހުންތަކާއި ރަށް ގިރުމުގެ މައްސަލައާއި ބަނދަރުގެ ދަތިކަމާއި ސިއްހީ ހިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތަކާއި ކުޅިވަރު އިންފްރާސްޓަރަކްޗާ ބޭނުންވާކަން ފާހަގަކުރެއްވިއެވެ. އަދި ރަށުގެ އިޖުތިމާއީ ފޭރާން ގޯސްވަމުން ދިއުމުގެ ސަބަބުން ގާދިއްފުށީގައި ފުލުހުންގެ ހިދުމަތް ބޭނުންވާކަންވެސް ކައުންސިލުން ފާހަގަކުރިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ގާދިއްފުށީގައި ހިންގަމުންދާ ޕްރޮޖެކްޓުތަކުގެ އެންމެ ފަހުގެ މައުލޫމާތު ކައުންސިލު މެންބަރުންނާ ހިއްސާކުރައްވައިފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ސްކޫލު އިމާރާތުގެ މަސައްކަތް އެވޯޑް ކުރެވިފައިވާ ކަމަށެވެ. އޭގެ އިތުރުން ފުލުހުންގެ ހިދުމަތް އަވަހަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވާނެ ކަމަށާއި އެބޭފުޅުން އެދިލެއްވި ކަންކަމުގައި ކަމާ ގުޅޭ މިނިސްޓްރީތަކުން ރޭވުންތެރިކަމާއެކު މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ބިމުގެ ދަތިކަމާއި މަސައްކަތްކުރާ ޖާގައިގެ ދަތިކަން ފާހަގަކޮށްފައިވެއެވެ. ރައީސް ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މުސާރައާއި އިނާޔަތްތައް އިތުރުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަން ފާހަގަކުރައްވައިފައެވެ.