ޚަބަރު

ކުރިއަށް އޮތް ތިން އަހަރު ނިމޭއިރު ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ލިބޭނެ ގޮތް ހަދަނީ

އަލީ ޔާމިން

ކުރިއަށް އޮތް ތިން އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، ތ. ވަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ވަންދޫގައި ކުރިޔަށް ގެންދާ ފެނާއި ނަރުދަމާގެ މަޝްރޫއާއި މިސްކިތުގެ މަޝްރޫއު އަދި ފެނަކަ އާ އިމާރާތުގެ މަޝްރޫއު ކުރިޔަށްދާކަމުގައި ކައުންސިލުން ފާހަގަ ކުރިއެވެ. މީގެ އިތުރުން ވަންދޫ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސާ ހިއްސާކުރައްވާފައެވެ. އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ގޮނޑުދޮށް ހިމާޔަތް ކުރުމާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ގާއިމު ކުރުމާއި ފުޓްސަލް ދަނޑު އަދި އައުޓްޑޯ ޖިމް ފަދަ ކުޅިވަރު އިންފްރާސްޓްރަކްޗާ ބޭނުންވާކަން ހިމެނެއެވެ. ކައުންސިލް އިދާރާ ހިންގާ އިމާރާތް ބާވެފައި ވުމުން އާ އިމާރާތެއް ބޭނުންވާ ކަމަށާއި ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލުކޮށްދިނުމަށާއި ފުލުހުންގެ ހިދުމަތް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ އެ ކޮމިޓީގެ މަސައްކަތްތައް ކުރިޔަށް ގެންދާ ގޮތްތަކާއި ރަށުގެ ތަރައްގީއަށާއި އަންހެނުން ބާރުވެރި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭ މައުލޫމާތު ރައީސާ ހިއްސާކުރައްވާފައެވެ. މިގޮތުން އެބޭފުޅުން ވަނީ އަންހެނުން ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބޭނުންވާ ވަސީލަތްތަކާއި އެފަދަ ވަސީލަތްތައް ގާއިމުކުރުމަށް ޖާގަ ނެތްކަން ފާހަގަކުރައްވާފައެވެ. އަދި، އެބޭފުޅުން ވަނީ އެ ކޮމިޓީގެ މެންބަރުންނަށް މިހާރު ދޭ މުސާރައާއި އިނާޔަތްތައް ކުޑަކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ވަންދޫގައި ކުރިޔަށްދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ހިއްސާކުރައްވާފައެވެ. މިގޮތުން އެމަނިކުފާނު ވިދާޅުވީ މިސްކިތު މަސައްކަތުގެ ޓެންޑަރިން އިވޭލުއޭޝަން ކުރިޔަށްދާ ކަމަށާއި ކުރިޔަށް އޮތް ތިން އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފުލުހުންގެ ހިދުމަތް ލިބޭނެ ގޮތް މަގުފަހިކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމުގައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މުސާރައާއި އިނާޔަތްތައް ދެ ގުނައަށް އިތުރުކުރުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާ އެކު މަޝްވަރާކުރައްވައިގެން މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ.