ކުޑަކުއްޖަކު ސްކޫލަށް ގޮސް ރޮއެ ބޮޑާ ހޭކުމުން އެ ކުއްޖާ ސްކޫލުން ވަކި ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އުމުރުން ހަތަރު އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ސްކޫލަށް ގޮސް ރޮއެ ހަދާފައިވާތީ އެކުއްޖާ ސްކޫލުން ކަނޑާލާފައިވާ ކަމަށް އަންގައި އެކްސެލް އިންޓަނޭޝަނަލް ސްކޫލުން ފޮނުވި މެސެޖެއް ކުއްޖާގެ ބައްޕަ ވަނީ ޓުވިޓާގައި ހިއްސާ ކޮށްފަ އެވެ.
ކުއްޖާގެ ބައްޕަ ބުނީ އެ ކުއްޖާ ސްކޫލަށް ނުދާން އަދި ސްކޫލުގައި ނީންނަން ބޮޑާ ހާކައި ރުއީ އެންމެ ދުވަހަކު ކަމަށާއި އެ ދުވަހު އެ ކުއްޖާ ސްކޫލުން ކަނޑާލައި އިތުރަށް ސްކޫލަށް ނުގެންދިއުމަށް އެދި އެކްސެލް އިން މެސެޖުކޮށްފައިވާ ކަމަށެވެ.
އެކްސެލް އިންޓަނޭޝަނަލް ސްކޫލުން ކުއްޖާގެ ބައްޕަ އަށް ކޮށްފައިވާ މެސެޖެއްގައި ބުނެފައިވަނީ އެކުއްޖާ އަށް ބޭނުންވަނީ އޯޕެން ޕްލޭގްރައުންޑެއް އޮންނަ ބިންމަތީން ވަދެވޭ ގޮތަށް ހުންނަ ސްކޫލެއް ކަމަށެވެ. އަދި އެފަދަ ފެސިލިޓީތައް އެ ސްކޫލަށް ލިބިފައި ނުވާތީ އެކުއްޖާ ސްކޫލުގައި އިތުރަށް ބެހެއްޓެން ނެތް ކަމަށެވެ. އެހެން ކަމުން ދެން އިތުރަށް އެ ކުއްޖާ ސްކޫލަށް ނުގެނެއުމަށް ވަނީ އެދިފަ އެވެ.
ކުއްޖާގެ ބައްޕަ ކުރި ޓުވީޓެއްގައި ބުނީ ކުއްޖާ ސްކޫލަށް ގޮސް ރޮއި، އަޑު ގަދަކޮށް ހެދި ކަމަށާއި ހުރީ މޫޑީކޮށް ކަމަށެވެ. ސްކޫލުން ދަރިފުޅު ކަނޑާލީ ކީއްވެކަން ނޭނގޭ ކަމަށް ވެސް ބުންޏެވެ.
އެކްސެލް ސްކޫލުން އެހެން ކުއްޖަކާ ދޭތެރޭވެސް ބޭއިންސާފުން ކަންތައް ކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ އަޑު ފެތުރިފައެވެ. އެގޮތުން އޭނާގެ ދަރިފުޅު ޔުނީފޯމާއެކު ސްކާޓެއްލާން ދެކޮޅު ހެދުމުން ސްކޫލަށް ނުގެންދިއުމަށް އެދުނު ކަމަށް އަޑު ފެތުރިފައިވެ އެވެ.
"ވަން" އާ ވާހަކަ ދައްކަމުން އެ ބެލެނެވެރިޔާ މިއަދު ބުނީ އޭނާގެ ދަރިފުޅު އެކްސެލް ސްކޫލަށް 2014 ވަނަ އަހަރު ވެއްދި ކަމަށެވެ. އަދި އޭރު ކުއްޖާގެ އުމުރުން އެންމެ ތިން އަހަރު ކަމަށާއި އެކުއްޖާ އެއްޗެހި ލެއްވުމުގައްޔާއި ބައެއް ކަންކަން ކުރުމަށް އުނދަގޫތަކެއް ހުރި ކަމަށެވެ.
ބެލެނިވެރިޔާ ބުނީ އެކަމަށް އޭނާގެ ދަރިފުޅަށް ތެރަޕީ ދީ އެ ހުރިހާ ކަމެއް ބަރާބަރަށް ސްކޫލާ ހިއްސާ ކުރަމުންދިޔަ ކަމަށެވެ.
"ބައެއް ދުވަސްދުވަހު ސްޓާކީނަށް ނާރަން އުޅޭނެ. އަސްލު ސެންސަރީ އިޝޫއެއް ވީމަ އެކަމަށް ތެރަޕީވެސް ނެގިން. ހެދުންލާންވެސް ދެކޮޅު ހަދާނެ. އެކަމަކު ފަހުން އެ ސްކޫލް ޔުނިފޯމުގަ ހިމެނޭ ޓީޝާޓު ލާން އޯކޭވި. އެކަމަކު ސްކާޓެއް ނުލި. އެވާހަކަތައް ސްކޫލާ ހިއްސާ ކުރަމުން ހަމަ ގެންދިޔައީ. ދެން އެ އަހަރު ނިންމައި ރިޕޯޓު ފޯމް ދިން ދުވަހުވެސް ދަރިފުޅަށް ފަސޭހަ ޖިންސް ލައްވައިގެން މިދިޔައީ. ބުނިން ސްކާޓް ނުލިޔޭވެސް. އެ އަހަރު ސްކޫލަށްވެސް ދިޔައީ އެހެންވީމަ." އޭނާ ކިޔައިދިނެވެ.
ބެލެނިވެރިޔާ ބުނީ ރިޕޯޓު ފޯމް ހަވާލުކޮށް ނިންމައި އެ އަހަރު ޑިސެމްބަރު މަހު ސްކޫލުން އޭނާ އަށް ގުޅައި ވަރަށް ހުތުރު ގޮތަކަށް ވާހަކަ ދެއްކި ކަމަށެވެ. އަދި ޔުނިފޯމު އެއްކޮށް ފުރިހަމަކޮށް ނުލެވޭ ނަމަ މީގެ ފަހުން ސްކޫލަށް ނުވެއްދޭނެ ކަމަށް އެންގި ކަމަށެވެ.
އެ ބެލެނެވެރިޔާ ބުނީ ސަބަބަކީ ކޮބައިތޯ އެހުމުން، އެހެން ބެލެނިވެރިންވެސް އެ މީހުންގެ ދަރިން ބޭނުން އެއްޗެއް ލައްވައިގެން ސްކޫލަށް ގެންދަން ބޭނުންވާ ކަމަށާއި އަދި ރިޕޯޓު ފޯމް ދިން ދުވަހު ޝަރަފުވެރި މެހެމާނު ކުރިމަތީގައި ޔުނީފޯމް ފުރިހަމަ ނުކޮށް ހުރުމުން އެ މީހުން ވަރަށް ބޮޑަށް ލަދުގަތް ކަމަށް އެ ސްކޫލުން ބުނި ކަމަށެވެ.
ގިނަ ބައެއްގެ ފާޑު ކިޔުން ވަރަށް ބޮޑަށް އަމާޒުވެފައިވާތީ އެކްސެލް ސްކޫލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ސްކޫލުގެ ދަރިވަރަކު ރުއިމުން ސްކޫލުން ކަނޑާލީ ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އަދި ކަން ހިނގައި ދިޔަ ގޮތް ބެލެނެވެރިޔާ އާ ހިއްސާ ކޮށްފައިވާނެ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އެކްސެލް އިން ބުނީ މިއީ ކުޑަކުއްޖަކާއި އޭނާގެ ބެލެނެވެރިޔާއާ ގުޅުން ހުރި ކަމަކަށްވާތީ އެވާހަކަ އެ ސްކޫލުގެ ފަރާތުން މީޑިއާއާ ހިއްސާ ނުކުރާނެ ކަމަށާއި ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން އެދިއްޖެ ހާލަތެއްގައި އެކަން އެޑިއުކޭޝަނާ ހިއްސާ ކުރާނެ ކަމަށްވެސް ބުންޏެވެ. އެހެންކަމުން ކަމުގެ ހަގީގަތް ނުބަލައި ހަބަރު ނުފެތުރުމަށް ވަނީ އެދިފަ އެވެ.
މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ މިފަދަ މައްސަލައެއް އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި ނަމަވެސް މިކަމުގެ އިތުރު މައުލޫމާތެއް މި ވަގުތު ހިއްސާ ކުރެވެން ނެތް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު