އެމްއެމްއޭ ކައިރިން ތޫނު އެއްޗަކުން ހަމަލާދީ ގދ. ފަރެސްމާތޮޑާ، އުމުރުން 19 އަހަރުގެ އިބްރާހިމް އާގިލް މަރާލި މައްސަލަގައި ދައުވާ ރައްދުވާ ތިން މީހުންގެ މައްސަލައިގެ ހުކުމް މިއަހަރު ނިމުމުގެ ކުރިން ކުރުމަށް އަމާޒު ހިފައިފި އެވެ.
އާގިލް މަރާލީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އެވެ. އޭނާގެ ކަރަށް ދިން ހަމަލަތަކެއްގައި ޒަހަމެފައިވާއިރު، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް އޭރު ޑޮކްޓަރުން ވަނީ ބުނެފަ އެވެ.
އާގިލްގެ މަރާއި ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވަނީ ތިން މީހެއްގެ މައްޗަށެވެ. އޭގެ ތެރެއިން ލ. ފޮނަދޫ ހިޔާ، ހަމްދޫން ހަމްޒަތާއި ސ. ހިތަދޫ ސްވޭހުހީނާގެ އަލީ މިޖުވާދު މާލިކް އިބްރާހިމްގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ. އަދި ހއ. ދިއްދޫ ސްނޯބާޑް، އިބްރާހިމް ވިޝާމްގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން، ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާ އެވެ.
އެ ދައުވާތަކަށް ތިން މީހުން ވެސް ވަނީ އިންކާރުކޮށްފަ އެވެ.
އެ ތިން މީހުންގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ގިނަ ހެކިތަކެއް ހުށަހެޅި ނަމަވެސް އަދި މިހާތަނަށް ނަގާފައިވަނީ ތިން މީހެއްގެ ހެކިބަހެވެ.
އެ މައްސަލައިގައި ހުކުމް އިއްވުމުގެ ކުރިން ފަސް އަޑުއެހުމެއް ބޭއްވުމަށް މިއަދު ވަނީ ތާވަލުކޮށްފަ އެވެ. އެއީ ހެކިބަސް ނެގުމަށް ބާއްވާ ހަތަރު އަޑުއެހުމަކާއި ހުލާސާ ބަޔާން އިއްވުމަށް ބާއްވާ އަޑުއެހުމެކެވެ.
އެގޮތުން ހެކިބަސް ނެގުމަށް ބާއްވާ ހަތަރު އަޑުއެހުން އޮންނާނީ އަންނަ މަހުގެ 20 ވަނަ ދުވަހާއި އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހާއި 17 ވަނަ ދުވަހުގެ އިތުރުން ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
ހެކިބަސް ނަގައި ނިންމާލުމަށްފަހު ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ހުލާސާ ބަޔާން އިއްވައި ތާވަލާ އެއްގޮތަށް ހުރިހާ އަޑުއެހުމެއް ބޭއްވިއްޖެ ނަމަ، ޖެހިގެން އަންނަ ޑިސެމްބަރު 13 ވަނަ ދުވަހު ހުކުމް ކުރައްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް މިއަދު ވިދާޅުވި އެވެ.
އާގިލް މަރާލާފައިވަނީ، 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ރޭ ވ. ފެލިދޫއިން މާލެ އައި ސްކަލް ރައިޑާ ލޯންޗުން ފޭބި ތަނުންނެވެ. ފުލުހުން ބުނެފައިވަނީ އާގިލަށް ހަމަލާދީފައިވަނީ ހަމްދޫން ކަމަށެވެ. އަދި އޭނާއަށް ދިން ހަމަލާއިން ލިބުނު އަނިޔާތަކުގެ ސަބަބުން އާގިލް މަރުވި ކަމަށް ދައުވާގައި ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު