މި ސަރުކާރުން ވެސް އިސްލާމްދީނުގެ އަސާސްތައް ހިފެހެއްޓުމެއް ނެތި، ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް އަދާނުކޮށްދޭ ނަމަ، ކޯލިޝަނުން ވަކިވެ ދެކޮޅަށް މަސައްކަތްކުރަން އަދާލަތު ޕާޓީ ފަހަތަށް ނުޖެހޭނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދާލަތަށް 16 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނަކީ ކޮންމެ ފަހަރަކު ސަރުކާރެއް އުފެދުމަށްފަހު މަދު ދުވަސްކޮޅެއްގެ ތެރޭގައި ސަރުކާރުގެ ތެރޭ ބައިބައިވުން އުފެދި ކޯލިޝަންގެ ބައިތައް ރޫޅި، ވަކިވަކި ފިތުނަތައް އުފެދި، ވަރަށް ބޮޑެތި ނިކަމެތިކަން ތަހައްމަލުކުރަން ޖެހިފައިވާ މައިދާނެއް ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކޯލިޝަންގެ ހުރިހާ ބައިވެރިންނާއެކު މަސައްކަތްކުރައްވާނެ ކަމަށް އަބަދުވެސް ވިދާޅުވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.
"މި މުނާސަބަތުގައި، މި ހާލަތުގައި އަދާލަތު ޕާޓީގެ ފަރާތުން އަޅުގަނޑު ޔަގީންކަން އަރުވަން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، މާތްވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ރައްކާތެރިވެ ހުރެ، ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް އަދާކޮށްދޭހާ ހިނދަކު އެމަނިކުފާނާ އަދާލަތު ޕާޓީއާ އިންޗިއެއް ވެސް ދުރުވެގެންނެއް ނުދާނެ. އެހެންނަމަވެސް މި ދެންނެވި އަސާސްތަކުން ފަހަތަށް ޖެހިލައިފި ހިނދަކު މި ކޯލިޝަން ރޫޅާލައި ދެކޮޅަށް މަސައްކަތްކުރުމަށް އަދާލަތު ޕާޓީން ފަހަރެއްގައި ވެސް ފަހަތަކަށް ނުޖެހޭނަން. މިއީ އަދާލަތު ޕާޓީ ދެމިއޮންނާނެ ގޮތް، މިއީ އަދާލަތު ޕާޓީން މަސައްކަތްކުރާނެ ގޮތް،" މިނިސްޓަރު ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ 2008 ވަނަ އަހަރު ފެހި ގާނޫނުއަސާސީއަށް ފަހު ރައްޔިތުން އެދޭ ގޮތަށް އިންތިހާބުތަކުގެ ނަތީޖާ ނެރުމަށްޓަކައި އަދާލަތު ޕާޓީން ވާނީ ވަރަށް މުހިންމު ނިންމުންތަކެއް ނިންމައި، ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައި ކަމަށާއި އޭގެ ސަބަބުން އުފެދުނު ހުރިހާ ސަރުކާރުތަކެއްގައި އަދާލަތު ޕާޓީގެ ފަރާތުން ރައްޔިތުންނަށް ހިދުމަތްކުރާނެ ގާބިލު ބޭފުޅުން އައްޔަންކުރެވިފައިވާނެ ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން މިއަދުގެ މި ސަރުކާރުގައި އަދާލަތު ޕާޓީއަކީ ވަރަށް މުހިންމު ޕާޓްނަރެއް، ވަރަށް މުހިންމު ބައިވެރިއެއް. މި ސަރުކާރުގައި އަދާލަތު ޕާޓީގެ ފަރާތުން ރައްޔިތުންނަށް ހިދުމަތްކުރުމަށްޓަކައި، ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކާއި ދޭން ޖެހޭ ހައްގުތައް އަދާކުރުމަށްޓަކައި ސަރުކާރުގެ ތެރެއިން މަސައްކަތްކުރާނެ ގާބިލު ރަނގަޅު ޓީމެއް އޮތްކަން އެއީ އަޅުގަނޑު ފާހަގަކުރާ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.
އިމްރާން އިތުރަށް ވިދާޅުވީ އަދާލަތު ޕާޓީގައި މަސައްކަތްކޮށް ކުރިއަށްދިއުމުގެ ފުރުސަތު ޒުވާނުންނާއި ދެ ޖިންސުގެ ހުރިހާ ރައްޔިތުންނަށް ވެސް އޮންނާނެ ކަމަށާއި އަދާލަތަކީ ކުރިމަގު އޮތް ޕާޓީއެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު