ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހުގެ ހައެއްގައި ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އެކުލަވާލި އިންކުއަރީ ރިޕޯޓުގައި ހުރި ރެކޮމެންޑޭޝަންތައް ތަންފީޒު ކުރަނީ ތިން މަރުހަލާއަކަށް ބަހާލައިގެން ކަމަށް އެމްޑީޕީގެ "މެއި ހައެއް" ކޮމިޓީން މިރޭ ބުނެފިއެވެ.
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު ހިނގާ ގޮތް އެމްޑީޕީގެ ތެރެއިން ބަލައި ފާރަވެރިވުމަށް އެކުލަވާލާފައިވާ "މެއި ހައެއް" ކޮމިޓީން ވަނީ ނެޝަނަލް ސެކިއުރިޓީ ކައުންސިލް (އެންއެސްސީ)ގެ މެންބަރުންނާ ބައްދަލުކުރައްވައިފައެވެ.
މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން "މެއި ހައެއް" ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ މަޖިލިސް އިންކުއަރީ ރިޕޯޓުގައި ހުރި ކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް އެންއެސްސީން ކުރިއަށް ގެންދަނީ ތިން މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ.
"އެއީ ކުރު ރާސްތާގައި ތަންފީޒު ކުރާ ރެކޮމެންޑޭޝަންތަކާއި މެދު ރާސްތާގައި ތަންފީޒުކުރަން ފަށާ ރެކޮމެންޑޭޝަންތަކާއި އަދި ދުރު ރާސްތާގައި ތަންފީޒުކުރަން ފަށާ ރެކޮމެންޑޭޝަންތައް،" އަފީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދުރު ރާސްތާގެ ރެކޮމެންޑޭޝަންތައް 2023 ވަނަ އަހަރުގައި އެއްކޮށް އަމަލުކޮށް ނިމޭނެ ކަމަށް އެންއެސްސީން މައުލޫމާތު ދީފައިވާ ކަމަށެވެ. ނަމަވެސް މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ ގޮތް ސާފުވެފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާރު ހުރި އެންމެ ބޮޑު ކަންބޮޑުވުމަކީ ރެކޮމެންޑޭޝަންތައް ތަންފީޒު ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިކަން ސަރުކާރުން ސާފުކޮށް ނުދިނުން ކަމަށެވެ.
މަޖިލީހުގެ 241 ކޮމިޓީއިން އެކުލަވާލި އިންކުއަރީ ރިޕޯޓު މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ މަހުގެ އަށްވަނަ ދުވަހުގެ ރެއެވެ. އަދި މި ރިޕޯޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވާފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.
ރައީސް އޮފީހުން މީގެ ކުރިން ބުނީ 241 ކޮމިޓީގެ ރިޕޯޓުގައި ރަނގަޅު ކުރުމަށް އެދިފައިވާ ކަންތައްތައް ތަންފީޒުކުރަން ޖެހޭ ގޮތްތައް އެކުލަވާލެވިފައިވާ ކަމަށާއި މި ރެކޮމެންޑޭޝަންތަކުގެ ތެރެއިން 38 ކަމަކީ މިހާރު ވެސް ފެށިގެން ކުރިއަށްދާ ކަންތައްތައް ކަމަށެވެ.
އިންކުއަރީ ރިޕޯޓުގައި ދީފައިވާ 45 ރެކޮމެންޑޭޝަން ތެރޭގައި ހިމެނެނީ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ދީފައިވާ 29 ރެކޮމެންޑޭޝަނަކާއި ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ 10 ރިކޮމެންޑޭޝަނަކާއި ފައިނޭންޝަލް އިންޓެލިޖެންސާ ގުޅޭ ހަ ރެކޮމެންޑޭޝަނެކެވެ.
މަހެއްހާ ދުވަހުގެ މަސައްކަތުން ނިންމާލި އެ ރިޕޯޓުން އާންމު ކޮށްފައިވަނީ 271 ސޮފުހާއެވެ. އެ ރިޕޯޓުގައި ބޮޑެތި ތުހުމަތުތަކަކާއި ނަޝީދަށް ސެކިއުރިޓީ ދިނުމުގައި ބޮޑެތި އިހުމާލުތަކެއް ހުރި ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ފުރިހަމައަށް މަސްއޫލިއްޔަތު އަދާކޮށްފައި ނުވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.
ރިޕޯޓުގައި ނަޝީދަށް ބޮމުގެ ހަމަލާ ދިނުމަށް ވެފައިވާ ތައްޔާރީތަކާއި ހަމަލާގެ ކުރިން ވެފައިވާ ކަންކަމާއި ހަމަލާދިން ދުވަހު ހިނގައިދިޔަ ހުރިހާ ކަމެއްގެ އިތުރުން ހަމަލާގެ ފަހުންވެސް ހިނގައިދިޔަ ހުރިހާ ކަމެއް ވަރަށް ތަފުސީލުކޮށް ހިމަނާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު