މި ސަރުކާރުން ސިޔާސީ ވަޒީފާތައް ދިނުމުގައި އެމްޑީޕީގެ މެންބަރުންނަށް އިސްކަން ދެއްވާ ކަމަށާއި އެގޮތުން ސިޔާސީ ވަޒީފާތަކުގެ 95 އިންސައްތަ ހިއްސާކުރަނީ އެމްޑީޕީ މެންބަރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ، އެމަނިކުފާނު ކޮޅުމަޑުލުގެ ހަތް ރަށަކަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ވޭމަންޑުއަށް ވަޑައިގެން އެރަށުގެ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވައި މިރޭ ދެއްކި ވާހަކަފުޅުގައެވެ.

އެ ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން ރައީސް ވިދާޅުވީ، 2018 ވަނަ އަހަރު އެމަނިކުފާނު ވެރިކަމަށް ގެނައުމުގައި އެމްޑީޕީ އިސް ދައުރެއް އަދާކޮށްފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނަކީވެސް އެމްޑީޕީ އުފެއްދުމުގައި އިސްކޮށް މަސައްކަތްކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން އެމްޑީޕީގެ ކަންކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި އެމްޑީޕީން ބޭނުން ކަންކަން ކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

"އެމްޑީޕީގެ ވިސްނުމާއި ފިކުރާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްގެންދިއުމަކީ އަޅުގަނޑުމެން މަސައްކަތް ކުރާނެ ގޮތް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުން އެމްޑީޕީގެ މެންބަރުންނަށް ގިނަ ވަޒީފާތަކެއް ދީފައިވާ ކަމަށެވެ.

"އަޅުގަނޑު ޔަގީންކަމާއެކީގައި ދަންނަވާނީ ސަރުކާރުގެ ތެރޭގައި ވަޒީފާތައް ދެވިފައި ހުރި އިރު އޭގެ ޕަސަންޓޭޖަކާއެކުގައި ދަންނަވައިފިނަމަ ތިބޭފުޅުން ގަބޫލެއްވެސް ނުކުރައްވާނެ. އެއަށްވުރެ ގިނަ ވަޒީފާ އެމްޑީޕީ މެންބަރުންނަށް ދެވިފައިވާނެ. ގާތްގަނޑަކަށް 95 ޕަސަންޓު ވަރު ހުންނާނީ އެމްޑީޕީ މެންބަރުންނަށް ވަޒީފާ ދެވިފައި. ސަރުކާރުގައި އަޅުގަނޑުމެންގެ ހިއްސާއަކީ 45 ޕަސަންޓު ވަރު،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެމްޑީޕީ މެންބަރުން ސަރުކާރާއެކުގައި ބަދަހިކޮށް ތިބުމަކީ މުހިންމު ކަމެއް ކަމަށެވެ.