ތ. ވޭމަންޑޫ އާއި ކިނބިދޫ ކޯޒްވޭއަކުން ގުޅައިލުމުގެ އިލްމީ ދިރާސާތައް ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ އަތޮޅު ކިނބިދުއަށް ވަޑައިގެން އެރަށުގެ ކައުންސިލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ، ވޭމަންޑޫއާއި ކިނިބިދޫ ކޯޒްވޭއަކުން ގުޅައިލުމަށް ހަދަން ޖެހޭ ފީސިބިލިޓީ ސްޓަޑީ މިހާރު ކުރިއަށްދާ ކަމަށެވެ.
ކިނބިދޫއާއި ވޭމަންޑުއާއި އޮމަދޫ އޮންނަނީ އެއްފަޅެއްގައެވެ.
އެ ބައްދަލުވުމުގައި ކިނބިދޫ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިއްމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސް ސޯލިހާ ހިއްސާކުރައްވައިފައެވެ. އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ ބިން ހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި ކިނބިދޫގެ އާސާރީ ތަނެއް ކަމުގައިވާ ވޭރު ހިމާޔާތްކުރުމާއި ރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގުން ހިމެނެއެވެ.
ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުން ފާހަގަކުރެއްވި ކަންކަމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު ރައީސް ސޯލިހު ވެސް ވަނީ އެ ބޭފުޅުންނާ ހިއްސާކުރައްވައިފައެވެ. އެގޮތުން ރައީސް ވިދާޅުވީ ކިނބިދޫ ބިން ހިއްކުމަކީ ސަރުކާރުގެ ޕްލޭންގައި އޮތް ކަމެއް ކަމަށާއި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ބޯހިޔާވަހިކަމުގެ ސްކީމެއް ވެސް ކިނބިދޫގައި ކުރިއަށް ގެންދިއުމުގެ ވިސްނުން އެބައޮތް ކަމަށެވެ.
ވޭމަންޑޫ އާއި ކިނބިދޫ ކޯޒްވޭއަކުން ގުޅައިލުމުގެ ދިރާސާތައް ކުރަން ފަށާފައިވާ އިރު، އެ ދެރަށް ކޯޒްވޭއަކުން ގުޅައިލާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ދުވަސްވަރު ވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު