ހުޅަނގު މޫސުމާ ދިމާކޮށް ރަށްރަށުގެ ފަޅުތެރެއަށް ރާގޮނޑި އައިން ވަނުމަކީ އާންމުކަމެކެވެ. ހާއްސަކޮށް ތ. ބުރުންޏަކީ ތާރީހަށް ބަލާއިރުވެސް މިގޮތަށް ރާގޮނޑި އައިން ވަންނަ ރަށެކެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ފޮޓޯތައް ބަލައިލުމުން ހީވަނީ ބުރުނީގައި އީދު ފާހަގަ ކުރާހެންނެވެ. ކުއްޖެއް ބޮޑެއް ނެތި ހުރިހާ އުމުރެއްގެ މީހުން ޖޯޝާއި ފޯރީގައި ރާގޮނޑި ހިފުމުގައި ހަރަކާތްތެރިވާތަން ފެނެ އެވެ. އެއްބަޔަކު ރާގޮނޑި އަށް ބޮސްދޭ ތަނާއި އަނެއްބަޔަކު އެއާ އޮޅުލައިގެން އުޅޭ ތަނެވެ. ކޮންމެއަކަސް ފެންނަނީ އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ލާމަސީލު މިސާލެވެ.

ގާތްގަނޑަކަށް 400 އެއްހާ މީހުން ދިރިއުޅޭ ބުރުނީގެ ކުދި ބޮޑު އެންމެންނަށް އައި ރާގޮނޑި އީދަކަށް މިކަން ވެގެން ގޮސްފައިވާއިރު ބުރުނީ ރައްޔިތުން ދެކޭ ގޮތުގައި މިއީ އެރަށަށް ލިބޭ ބޮޑު ރޯއްޖެކެވެ.

ތާރީހަށް ބަލާއިރު 2015 ވަނަ އަހަރު ބުރުނީ ރައްޔިތުން އެރަށު ފަޅުތެރެއިން 13500 އަށްވުރެ ގިނަ ރާގޮނޑި ހިފާފައިވެ އެވެ. އަދި ޖެހިގެން އައި އަހަރު ބުރުންޏަށް ރާގޮނޑި އައިނެއް ވަދެ އެއްދުވަހު އެކަނިވެސް ވަނީ 2500 އަށްވުރެ ގިނަ ރާގޮނޑި ވަނީ ހިފާފަ އެވެ.

ބުރުނީ ކައުންސިލްގެ ރައީސް އާދަމް މުހައްމަދު "ވަން" އަށް ވިދާޅުވީ މިއީ އަލަށް ވާ ކަމެެއް ނޫން ކަމަށާއި ނަމަވެސް މިފަހަރު ރާގޮނޑި އައިން ވަދެފައިވަނީ ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު ކަމަށެވެ.

އާދަމް ވިދާޅުވީ ރާގޮނޑި ވަނުމަކީ އެންމެ ކުރީއްސުރެންވެސް ބުރުނީގައި ހިނގާ ކަމެއް ކަމަށާއި ރާގޮނޑި ވަންނަ ސަރަހައްދު އަބަދުވެސް ސާފުކޮށް އެކަމަށް ތައްޔާރުކޮށްފައި އޮންނަ ކަމަށެވެ. އަދި ރާގޮނޑި އައިން ވަންނަ ދުވަސްކޮޅު ކައުންސިލުން އެކަން ގާތުން ބަލާ ކަމަށެވެ.

"ކައުންސިލުން އޮންނާނީ ރަށުގެ އާބާދީ އަށް ބަލައިފަ ކޮންމެ ދުވަހަކު ހިފާ ރާގޮނޑި ބޮލުގެ ރޭޓުން ބަހާގޮތަށް ހަމަޖައްސާފަ. އަޅުގަނޑުމެން އޮންނާނީ ލިސްޓު ތައްޔާރު ކޮށްފަ. ދެން ކޮންމެ ދުވަހަކު މިހިފާ ރާގޮނޑިތައް އިރު އޮއްސުމުން އަޅުގަނޑުމެން އިސްވެ ތިބެ ބަހާނީ ކޮންމެ ބޮލަކަށް ވާ ގޮތަށް. އެއީ ރަށުން ބޭރު މީހަކަސް އަދި ރަށުގައި ދިރިއުޅޭ ބިދޭސީއަކަށް ވިޔަސް ހަމަ ހަމަ ވާނެ." އޭނާ ވިދާޅުވި އެވެ.

ބުރުނީން "ވަން" އާ ވާހަކަ ދެއްކި މީހަކު ބުނީ އެރަށު ފަޅުތެރެއަށް ރާގޮނޑި އައިން ވަނުމަކީ އާ ކަމެއް ނޫން ކަމަށާއި ރައްޔިތުންގެ މެދުގައި އިޖުތިމާއީ ރޫހު އާލާވެ، އެކުވެރިކަން ދަމަހައްޓައިދޭ ކަމެއް ކަމަށެވެ. އަދި މިއީ އެރަށަށް ރޯދި ބަރަކާތް ލައްވާ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ކަމަށްވެސް ބުންޏެވެ. މިއީ އެންމެ އިހުއްސުރެ އޮންނަ ކަމެއް ކަމަށާއި މިހާރު ރާގޮނޑި އެއީ ރައްޔިތުންނާ ވަރަށް ގާތް އެއްޗެއް ކަމަށެވެ. ރާގޮނޑި ހިފުމާއި އެ ހިފާ ވަގުތު މޫދަށް އެރި އުޅުމުގައި އެންމެ ދުވަސްވީ މީހުންނާއި އެންމެ ކުޑަކުދީންވެސް ޝާމިލުވެ އުޅެނީ އެހެންވެ ކަމަށް އޭނާ ބުންޏެވެ. މީހުން ޅަ ދަރީން ގޮވައިގެން ގޮސް އެކުދީން އަތަށް ވެސް ރާގޮނޑީ ދީގެން ގެންގުޅޭ ކަމަށާއި މިހާރު މި ކަމަކުގެ ސްޓައިލް ތަފާތުވެ އިހުސާސްތައް ވެސް ތަފާތު ކަމަށް އޭނާ ބުނެ އެވެ.

އާދަމް ވިދާޅުވީ ރަށުގެ ހުރިހާ ރައްޔިތުން ބައިވެރިވެގެން މިކަން ކުރާ ގޮތަކީ، އެއް ބަޔަކު މަސް އައިން ކައިރީގައި މޫދުގައި ދާ އެޅުމުން، އަނެއް ބަޔަކު ދަލަށް މަސްތައް ވައްދަން މަސް އައިން އެ ދިމާލަށް ކަވަނީ ކަމަށެވެ.

ރާއްޖޭގައި ބުރުނި ނޫން ބައެއް ރަށްރަށަށް ވެސް ރާގޮނޑި ވަދެ އެވެ. އެހެން ނަމަވެސް މިއީ ތަފާތު މަންޒަރެކެވެ. ބުރުންޏަށް މި ވަންނަ ގޮތަށް މިހާ ގިނައިން އާދަކޮށެއް ނުވަދެ އެވެ. ބުރުނި ވެފައި މި ވަނީ ރާއްޖޭގެ ރާގޮނޑީގެ ރަށަށެވެ. ބުރުނީ ރައްޔިތުންނަށް ރާގޮނޑިއަކީ ހަމަ އެކަނި ރާގޮނޑިއެއް ނޫނެވެ. އެއީ އާއިލާގެ ބައެކެވެ. އެމީހުންގެ އިޖުތިމާއީ ގުޅުން ބަދަހިކޮށްދީ އެކުވެރިކަން އާލާކޮށްދޭ ބައިވެރިއެކެވެ. ގުދުރަތުން ދެއްވި ޝުކުރުވެރިވުން ހައްގު ރޯއްޖެކެވެ.