ހުޅުމާލޭ ދެވަނަ ފިޔަވަހިން ފުލެޓު ލިބުނު ފަރާތްތަކުން ފުލެޓުތަކުގެ ފިނިޝިން މަސައްކަތް ކުރުމުގައި އަމަލުތައް ބަހައްޓަންވީ ގޮތުގެ އުސޫލެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާންމުކޮށްފި އެވެ.
ހިޔާ މަޝްރޫއުން ފުލެޓް ލިބިފައިވަނީ 6720 ފަރާތަކަށެވެ. ފުލެޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަމުން އަންނައިރު އެ ކޯޕަރޭޝަނުން ވަނީ ތަޅުދަނޑި މިހާރު ހަވާލުކޮށްފައިވާ ފަރާތްތަކުން އެ ފުލެޓުތަކުގެ ފިނިޝިން މަސައްކަތްތައް ކުރުމަށް ހުއްދަ ދީފަ އެވެ.
އެގޮތުން އެ ކޯޕަރޭޝަނުން ވަނީ ފިނިޝިން މަސައްކަތް ކުރިއަށް ގެންދިޔުމުގައި ފުލެޓުވެރިންގެ އަމަލުތައް ބަހައްޓަން ވީ ގޮތުގެ އުސޫލެއް އާންމު ކޮށްފަ އެވެ. އެގޮތުން އެ އުސޫލުގައިވާ ގޮތުން މަސައްކަތް ކުރާ ހުރިހާ މީހުން ތިބެން ވާނީ އެ ކޯޕަރޭޝަނުން ދޫކޮށްފައިވާ ހާއްސަ ފާހެއް އަޅައިއިގެންނެވެ. އަދި ކޮވިޑުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް އެ އުސޫލުގައިވަނީ ބުނެފަ އެވެ.
އެގޮތުން ފުލެޓުތަކުގެ ފިނިޝިން މަސައްކަތްތައް ކުރުމަށް ތިން މަސްދުވަހުގެ މުއްދަތެއް ދީ އެ މުއްދަތުގައި 24 ގަޑިއިރު މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވާއިރު މި ހުރިހާ ވަގުތަކުވެސް އުޅެން ޖެހޭނީ ޕީޕީއީ ކިޓު އަޅާއިގެން ކަމަށް އެޗްޑީސީން ބުންޏެވެ. އަދި ކެމިކަލް ފަދަ އެއްޗެއް ބޭނުން ކުރާނަމަ، ކެމިކަލް ސްޕްލޭޝް ގޮގުލްސް ބޭނުންކޮށް މަސައްކަތުގައި އުޅޭ ވަގުތު އަންގި އާއި ހެލްމެޓު ފަދަ ތަކެތި ގެންގުޅެން ޖެހޭނެ ކަމަށް އުސޫލުގައި ވަނީ ބުނެފަ އެވެ. އޭގެ އިތުރުން ސޭފްޓީ ބެލްޓު ނުވަތަ ހާނެސް ސޭފްޓީ ބޫޓާއި، ހިއަރިން ޕްރޮޓެކްޝަނާއި، ކެފުމާއި، ގްރައިންޑު ކުރުމާއި، ޗިޕިން ހަދާއިރު ފުލް ފޭސް ޝީލްޑް އެޅުމާއި ރެސްޕިރޭޓްރީ ޕްރޮޓެކްޝަންވެސް ބޭނުން ކުރަން ޖެހޭނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.
އުސޫލުގައިވާ ގޮތުން ފުލެޓު އިމާރާތުގައި މަސައްކަތް ކުރުމަށް ގެންދާ މުދާ އެތެރެކޮށް އަދި މަސައްކަތް ކުރަމުންދ އަންނައިރު އުފެދޭ ކުނި ބޭރު ކުރުމުގައި އެ ކޯޕަރޭޝަނުން އަންގާ ގޮތަށް އަމަލު ކުރަން ޖެހެ އެވެ. އެގޮތުން ކޮންމެ އިމާރާތެއްގައިވެސް، ފިނިޝިން މަސައްކަތަށް ބޭނުން ކުރުމަށް ގެންދާ ސިމެންތި، ތަށިމުށި، ކެމިކަލް ފަދަ ތަކެތި އަދި އިމާރާތުގައި މަސައްކަތް ކުރުމުގައި އުފެދޭ ކުނި އުފުލުމަށް ހާއްސަކޮށްފައިވާ ސާވިސް ލިފްޓް އަދި ބައެއް ފަސިންޖަރު ލިފްޓްތަކުން މުދާ އުފުލުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ބުނެފައިވެ އެވެ. މިކަމަށް ހާއްސަކޮށްފައިވާ ލިފްޓުތަކުގައި ނޫން އެހެނިހެން ލިފްޓުތަކުން މުދާ އުފުލުމަކީ މަނާކަމެއް ކަމަށްވެސް އެ އުސޫލުގައި ބުނެފައިވެ އެވެ.
އުސޫލުގައިވާ ގޮތުން ކެމިކަލް ފަދަ ތަކެތި ލިފްޓުން އުފުލޭނީ ރަނގަޅަށް ބަންދު ކުރުމަށްފަހުގަ އެވެ. އަދި ލިފްޓަށް އެކަށިގެންވާ ބަރުދަނުގެ އެއްޗެއް ނޫނީ ލިފްޓުން އުފުލުމަކީ މަނާކަމެކެވެ.
ފިނިޝިން މަސައްކަތް ކުރަމުން އަންނައިރު އުފެދޭ ކުނި ޖަމާކުރަން ޖެހޭނީ އެކަމަށް ހާއްސަކޮށްފައިވާ ސަރަހައްދަށް ކަމަށާއި އަދި ކުނި ބޭރުކުރާއިރު އާންމު ސަރަހައްދަށް އެޅޭ ކުނި ފުލެޓުގެ ވެރިފަރާތުން ނަގައި ސާފުކުރަން ޖެހޭނެ ކަމަށްވެސް އުސޫލުގައި ބުނެ އެވެ.
ހިޔާ ފުލެޓުތަކުގައި އެއްވެސް މަސައްކަތެއް ނުވަތަ ބަދަލެއް ގެންނަން ބޭނުންވާ ނަމަ ނުވަތަ މަސައްކަތް ފެށުމުގެ ކުރިން އެޗްޑީސީގެ ހުއްދަ ހޯދަން ޖެހެ އެވެ. ފުލެޓުތައް ހަވާލު ކުރުމުގެ މަރުހަލާގައި "ފުލެޓުތަކުގެ އެތެރޭގެ މަސައްކަތް ނިންމުމަށް އެދި ހުށަހަޅާ ފޯމް" ފުލެޓު ލިބޭ ފަރާތާ ހަވާލު ކުރާނެ ކަމަށް އުސޫލުގައިވެ އެވެ. މި ފޯމް އެ ކޯޕަރޭޝަނުގެ ރިސެޕްޝަނުންނާއި ހިޔާ ޕޯޓަލް މެދުވެރިކޮށް ބަލައިގަންނާނެ ކަމަށް ވަނީ ބުނެފަ އެވެ.
އުސޫލުގައިވާ ގޮތުން ފުލެޓުގެ ސްޓްރަކްޗަރަކަށް އެއްވެސް ބަދަލެއް ގެނައުމަކީ މަނާކަމެކެވެ. އަދި އެއްވެސް ބަދަލެއް ގެންނަން ބޭނުންވާ ނަމަ އެކަމުގެ ކުރެހުން އެޗްޑީސީ އަށް ހުށަހަޅާއި ހުއްދަ ހޯދަން ޖެހެ އެވެ. ހުއްދައާ ނުލައި ގެންނަ ކޮންމެ ބަދަލެއްގެ ޒިންމާ އެ ފުލެޓެއްގެ ވެރިފަރާތުން ނަގަން ޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
ފުލެޓުތަކަށް އިސްކުރު މޮހޮރު ފަދަ ތަކެތި ޖެހޭނީ އެއް އިންޗިއަށްވުރެ ފުން ނުވާ ގޮތަކަށް ކަމަށާއި އަދި ތަކެތި ހަރުކުރުމަށް ތޮރުފޭނީވެސް އެއް އިންޗި ފުންމިނަށް ކަމަށް ބުނެފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު