އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންގެ ޝަރުތު ފުރިހަމަނުވާ ކަމަށް އެންގުމުން، އެ ނިންމުން މުރާޖައާކޮށްދޭން އެދިއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި މިހާރު ވެސް މާލޭ ސިޓީގެ ރައީސްކަން ކުރައްވާ އަކުރަމް، އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަނުވާ ކަމަށް އެ ޕާޓީން ނިންމީ އޭނާގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި އޮތް ކަމަށް އެ ކޮމިޝަނުން އެންގުމާ ގުޅިގެންނެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް އެޑްރެސްކުރައްވައި އަކުރަމް މިއަދު ފޮނުއްވި ސިޓީއެއްގައި ވަނީ ޕާޓީގެ ނިންމުމާ ގުޅިގެން ގިނަ ކަންތައްތަކެއް ފާހަގަކުރައްވައިފައެވެ. އެގޮތުން އެއް ކަމަކަށް ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރާ މެންބަރުންގެ ޝަރުތުތައް ޕާޓީގެ އެއްވެސް ގަވާއިދެއްގައި ބަޔާންކޮށްފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.
އޭޕްރީލް މަހު ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ޝަރުތުތަކެއް ކަނޑައަޅާފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ ބައްދަލުވުމުގައި ނިންމި ޝަރުތުތަކުގެ ތެރޭގައި ކޮރަޕްޝަނުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނާއި މަރުތަކުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރި ކަމަށް ބަޔާންކޮށްފައިވާ މެންބަރުންގެ ޝަރުތު ހަމަނުވާނެ ކަމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް ކޮރަޕްޝަންގެ މައްސަލަތައް ބަލާ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައިވާ ގޮތުން ޖިނާއީ ދައުވާއެއް ނުކުރާ ގޮތަށް ނިންމައި، މައްސަލަ ނިންމި ކަމަށް ބުނެފައިވާ ކަމަށް އަކުރަމް ވިދާޅުވިއެވެ.
އަކުރަމްގެ ސިޓީގައި ވިދާޅުވީ އޭސީސީއަށް މައްސަލައެއް ހުށަހެޅިފައި އޮތުމަކީ ނުވަތަ މައްސަލައެއް ބަލަމުން ދިއުމަކީ ޝަރުތު ފުރިހަމަނުވާން ޖެހޭ ސަބަބެއް ނޫންކަން ޝަރުތުތައް ބަޔާންކޮށް ޕާޓީން ނެރުނު އިއުލާނާއި ގައުމީ މަޖިލީހުގެ ބައްދަލުވުމުން ނިންމި ކަންތައްތަކުން ވެސް އެނގޭ ކަމަށެވެ. އަދި ޝަރުތު ފުރިހަމަނުވާނީ އެ މައްސަލައަކީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ރިޔާސީ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައިދިނުމަށް އެދި އެއްވެސް މުއައްސަސާއަކަށް ފޮނުވާފައިވާނަމަ ކަމަށް ވެސް ވިދާޅުވިއެވެ.
"އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ތައްޔާރުކޮށްފައިވާ އެއްވެސް ރިޕޯޓެއްގައި އަޅުގަނޑުގެ މައްޗަށް ފިޔަވަޅު އަޅައިދިނުމަށް އެދި އެއްވެސް މުއައްސަސާއަކަށް ފޮނުވާފައިވާ ކަމެއް އަޅުގަނޑަށް އެނގިފައެއް ނުވެއެވެ. އަދި އެފަދަ އެންގުމެއް އެއްވެސް އިދާރާއަކަށް އެންގިކަމެއް އޭސީސީން ހާމަކޮށްފައެއް ނުވެއެވެ..،" އަކުރަމްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
އަކުރަމް ވިދާޅުވީ އޭސީސީން ކޮރަޕްޝަންގެ އެއްވެސް މައްސަލައެއްގައި އޭނާއާ ސުވާލުކޮށްފައި ނުވާ ކަމަށާއި ޕާޓީގެ އިންތިހާބުގައި ވާދަކުރާ މެންބަރުންގެ ޝަރުތުތައް އިންތިހާބާ ދިމާކޮށް ބަދަލުކުރުމަކީ ޑިމޮކްރެޓިކް މުޖުތަމައެއްގައި އަމަލުކުރަމުންދާ އުސޫލެއް ނޫން ކަމަށެވެ. އަދި އެފަދަ ބަދަލެއް ގެންނަން ޖެހޭނީ ވަކި އިޖުރާއަތްތަކެއްގެ މަތިން އަސާސީ ގަވާއިދު އިސްލާހުކޮށްގެން ކަމަށް ވެސް ވިދާޅުވިއެވެ.
އޭސީސީގައި މައްސަލައެއް އޮތް ކަމަށް ބުނި ބުނުމަށް އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަނުވާ ކަމަށް ނިންމުމަކީ ސައްހަ ނިންމުމެއް ކަމަށް ގަބޫލުނުކުރާ ކަމަށާއި އެ ނިންމުން މުރާޖައާކޮށް، ޕާޓީގެ އުސޫލުތަކާ އެއްގޮތަށް އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހަމަޖައްސައިދިނުމަށް އެދޭ ކަމަށް އަކުރަމްގެ ސިޓީގައި ވިދާޅުވިއެވެ.
އަކުރަމްގެ އިތުރުން އޭސީސީގައި މައްސަލައެއް އޮތް ކަމަށް އެ ކޮމިޝަނުން އެންގުމުން މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ވާދަކުރައްވަން ފޯމު ހުށަހެޅުއްވި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފުގެ ޝަރުތު ހަމަނުވާ ކަމަށް ވެސް އެމްޑީޕީން ވަނީ ނިންމައިފައެވެ. އެހެންކަމުން މަހުލޫފަށް ވެސް އިންތިހާބުގައި ވާދަނުކުރެއްވޭނެކަން އިއްޔެ އޭނާއަށް ވަނީ އަންގައިފައެވެ.
އެކަމާ ގުޅިގެން މަހުލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ކަމަށާއި މަޖިލިސް މެންބަރުކަމުގެ އިތުރުން ކައުންސިލް އިންތިހާބުގައި ވާދަކުރެއްވުމަށްވެސް އޭނާގެ ޝަރުތު ހަމަވާ ކަމަށެވެ. އަދި ވަޒީރެއްގެ ހައިސިއްޔަތުން ގައުމީ މަޖިލީހުގައި އިނުމުގެ ފުރުސަތު ލިބިފައި، ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުލިބުމަކީ ހަމަޖެހޭ ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ.
ޖިނާއީ ކުށެއް ސާބިތު ނުވާ ހިނދަކު ކޮންމެ އިންތިހާބެއްގައި ވެސް ވާދަކުރެވެން ޖެހޭނެކަން ފާހަގަކުރައްވައި މަހުލޫފު ވިދާޅުވީ، އޭނާއަށް ގެއްލިފައިވާ ހައްގު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ޕާޓީގެ ނިންމުމަކީ ޑިމޮކްރެސީގެ ރޫހާ ހިލާފު ނިންމުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު