ރާއްޖެއަށް އެތެރެވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންކަން ކޮށްފައި ނުވާތީ 243 ބިދޭސީއަކު އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.
އިމިގްރޭޝަންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ އިއްޔެ ރާއްޖެ އައި 243 މީހަކު އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ. އެމީހުން އަނބުރާ ގައުމަށް ފޮނުވާލާފައި ވަނީ އިމިގްރޭޝަންގެ ޓޫރިސްޓް ރިކުއެޔާމަންޓްތައް ފުރިހަމަނުވާތީ ކަމަށްވެސް ވިދާޅުވިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެމީހުން އައިސްފައިވަނީ އިންޑިގޯގެ ފްލައިޓަކުންނެވެ. އެމީހުން ރާއްޖެ އައީ ކަރަންޓީންވާން ޖެހޭ ގޮތަށެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ބައެއްކަން ސާފެއް ނުވެއެވެ.
ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކޮށް ރާއްޖެ އައި ބަޔަކު އިއްޔެ ފޮނުވާލާފައިވާ އިރު، އޮޅުވާލައިގެން ސައްހަ ނޫން ހޮޓެލް ބުކިންތަކެއް ދިނުމުގެ ސަބަބުން މާލޭގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވަނީ 27 ފަތުރުވެރިޔަކު މަގުމަތިވެފައެވެ.
އެ މައްސަލައިގެ މައުލޫމާތު ލިބުމާ ގުޅިގެން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފާއި އަނބިކަނބަލުން ނަޒްރާ ނަސީމް ވަނީ އެ ފަތުރުވެރިންނަށް ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސް އިން ވަގުތީ ހިޔާވަހިކަން ހޯދައިދިނުމުގައި އިސް ދައުރެއް އަދާކުރައްވައިފައެވެ.
ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ރޭ ވިދާޅުވީ އަންހެނުންނާއި ކުޑަކުދިން ހިމެނޭ އެ ފަތުރުވެރިންގެ ގްރޫޕް މަގުމަތިކުރި މައްސަލައިގައި ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ މައްސަލައިގައި ޝާމިލުވާ ކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މަންޒަރު ދުށް މީހަކު މިދިޔަ އާދީއްތަ ދުވަހުގެ ރޭ "ވަން" އަށް ބުނި ގޮތުގައި އެމީހުންނަކީ މަގުމަތިވި ފަތުރުވެރިންނަކީ ޕާކިސްތާނުން ރާއްޖެ އައި ބައެކެވެ. އަދި އެމީހުން އައީ ހޮޓަލަކަށް ފައިސާ ދައްކާފައި ކަމަށާއި ނަމަވެސް ރާއްޖެ އައުމުން އެމީހުންނާ ހަވާލުވި އެޖެންޓު އެމީހުން އެތަނަށް ބޭލުމަށް ފަހު ވަންނާނެ ތަނެއް ނުދައްކައި ފިލީ ކަމަށް އޭނާ ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު