ޖުމްހޫރީ ޕާޓީގައި އުޅުމަށްފަހު އެ ޕާޓީން ވަކިވެގެން ގޮސް އެހެން ޕާޓީއެއް އުފައްދައި މަސައްކަތްކުރަން ފެށުމުން އެކަމުގެ ކްރެޑިޓް ލިބެނީ ޖޭޕީއަށް ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވެފައި މިވަނީ ޖޭޕީގޭ ލީޑަޝިޕުން ވަކިވުމަށްފަހު ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައި ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުން ދާ ދަނޑިވަޅެއްގަ އެވެ.
ކޮވިޑާ ގުޅިގެން އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ރޭ އަލުން ޖޭޕީގެ ސިޔާސީ މަސައްކަތްތައް ފަށައި ބޭއްވި ކައުންސިލް ބައްދަލުވުމަށްފަހު ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، އެ ޕާޓީން ބަޔަކު ނިކުމުގެން ގޮސް ކަންތައްތަކެއް ވެގެންދާކަން އެއީ ވަރަށް އުފުކުރައްވާ ކަމެއް ކަމަށެވެ.
"ހަމަ އަޅުގަނޑުމެން ވެސް ކުރާ މަސައްކަތް އެ ބޭފުޅުން ވެސް އެ ކުރަނީ. އެބޭފުޅުން ބޭނުންފުޅުވާ ކަންތައްތައް ކުރާނެ ހިތްވަރާއި އަޒުމާއި ފޯރިއާ ޖޯޝާއި ލިބިގެން މިތަނުގައި އުޅެފަ ނިކުމެގެން ދިޔައީމަ އެއީ އަޅުގަޑުމެނަށް ލިބުނު ކްރެޑިޓެއް ކަމަށް އަޅުގަނޑު ދެކެނީ،" ގާސިމް ވިދާޅުވި އެވެ.
ޖޭޕީން ބަޔަކު ވަކިވެގެން ގޮސް އެހެން ޕާޓީއެއް ހެދުމުން އެކަމާ ކަންބޮޑުވެވަޑައި ނުގަންނަވާ ކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، ޖޭޕީން ނިކުމެގެންދާ ބަޔަކަށް އެ ފަދަ ހިތްވަރަކާއި ޖޯޝެއް އަދި ތަމްރީނާއި ތަރުބިއްޔަތެއް ލިބިގެން ދިއުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ.
ޖޭޕީގެ މެންބަރުންގެ ގޮތުގައި، ޖޭޕީގައި ތިބެ އެހެން ޕާޓީއަކަށް މަސައްކަތް ކޮށްދޭ ކަން ރޭގެ ކައުންސިލް ބައްދަލުވުމުގައި ބައެއް ފަރާތްތަކުން ސަމާލުކަމަށް ގެނެސްފައިވާކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ، އެކަމާ ކަންބޮޑުވެވަޑައި ނުގަންނަވާ ކަމަށާއި ހުރިހާ ކަމެއް ވެސް ހަމަޖެހިގެން ދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު