ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ރާއްޖެ ވަޑައިނުގަންނަވައި ރާއްޖެއިން ބޭރުގައި އެ ހުންނަވަނީ ޖާނުން ފިދާވުމުގެ ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ލިބެމުންދާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމު (ދޮންބިލެތް) ވިދާޅުވެއްޖެ އެވެ.
ދޮންބިލެތް އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފު ދެއްކެވި ވާހަކައަކަށް ރައްދު ދެއްވަމުންނެވެ.
ޖަނަވާރުންގެ ސިއްހަތާބެހޭ ބިލަށް ބަހުސް ކުރައްވަމުން އާދަމް ޝަރީފު ވިދާޅުވީ، ރައީސް ނަޝީދު ރާއްޖެ ވަޑައިނުގެން ހުންނަވަނީ އޮތް ބިރުވެރިކަމުގެ ސަބަބުންތޯ ނުވަތަ ދިން ހަމަލާއިން އެމަނިކުފާނަށް ލިބިވަޑައިގެންނެވި ބިރަށް ބޭނުންވާ ނަފުސާނީ ފަރުވާ ނުލިބޭތީތޯ ސުވާލު އުފެދޭ ކަމަށެވެ.
އެ ވާހަކަތަކާ ގުޅިގެން ނިޒާމީ ނުކުތާއެއް ނަންގަވައި ވާހަކަދައްކަވަމުން ހަލީމު ވިދާޅުވީ، ރައީސް ނަޝީދު ދައްކަވާ ބައެއް ވާހަކަތަކަކީ ބުއްދި ހަމަނުޖެހޭ ނުވަތަ މަލާމާތެއްގެ ގޮތުގައި ހީވިކަމުގައިވީ ނަމަވެސް، އާހިރަތުގައި ކަން ނިމެނީ އެމަނިކުފާނު ވިދާޅުވާ ގޮތަށް ކަން ނިމިގެން ކަމަށެވެ.
"މިވަގުތު ވަޑައިނުގެން އެ ހުންނަވަނީ އެމަނިކުފާނަށް އަވަހާރަކޮށްލަން ދިން ބޭފުޅުން އަދިވެސް މަގުމަތީގައި ދޫވެފައި ތިބީމައާއި އަދި މިހާރުވެސް އެމަނިކުފާނަށް ކެނޑިނޭޅި ޖާނުން ފިދާވުމުގެ ހަމަލާއެއް ދީފާނެކަމުގެ އިންޒާރު އަންނަމުންދާތީ އާއި އޭގެ މައުލޫމާތު ވަރަށް ރަނގަޅަށް އިނގޭތީ،" ދޮންބިލެތް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު