މޮނިޓަރިން އިން ގދ. ތިނަދޫ ނެގި ފަހުން މަހެއް ވެސް ނުވަނީސް ފްލޫ ކްލިނިކަށް ދެއްކި ސްކޫލް ދަރިވަރަކު ކޮވިޑަށް ޕޮޒިޓިވް ވުމުން އަނެއްކާ ވެސް އެ ރަށް މޮނިޓަރިން އަށް ލައިފި އެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހު ތިނަދޫ މޮނިޓަރިން އިން ނަގާފައިވަނީ ތިން މަސް ދުވަހު މޮނިޓަރިން ގައި އޮތުމަށްފަހު އެވެ. އެއީ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެ ރަށުން މީހަކު ކޮވިޑަށް ޕޮޒިޓި ވެގެންނެވެ. އެ މުއްދަތުގެ ތެރޭގައި 900 އަށްވުރެ ގިނަ މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އަދި ދެ މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ.
މޮނިޓަރިން އިން ނެގިތާ މަހެއް ނުވަނީސް އަނެއްކާ ވެސް ތިނަދޫ މޮނިޓަރިން އަށް ލާފައި ވަނީ އިއްޔެ އެ ރަށު ފްލޫ ކްލިނިކަށް ދެއްކި ސްކޫލް ދަރިވަރަކު ކޮވިޑަށް ޕޮޒިޓިވް ވުމުން ކަމަށް ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރު "ވަން" އަށް މިއަދު ވިދާޅުވި އެވެ.
އެއާ އެކު ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ބައެއް ކުދިން ފާހަގަކުރެވިފައިވާތީ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު