ހިޔާ ފުލެޓަށް މިއަދުން ފެށިގެން ދާއިމީ ގޮތެއްގައި ކަރަންޓުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ހިޔާ ޓަވަރުތަކުގެ ތެރެއިން H15 އަދި H16 ވަނަ ޓަވަރަށް މިއަދުން ފެށިގެން ދާއިމީ ގޮތެއްގައި ކަރަންޓުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ. އަދި ބާކީ ހުރި ޓަވަރު ތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އިތުރު މައްސަލައެއް ދިމާ ނުވާ ނަމަ އެ ޓަވަރުތަކަށްވެސް މިއަދުން ފެށިގެން ދާއިމީ ކަރަންޓުގެ ހިދުމަތް ލިބިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
ގިނަ ފުލެޓުތަކަށް މީހުން ބަދަލު ވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު ތަކެތި އުފުއްލުމަށް ވަކި ލިފްޓުތަކެއް ހާއްސަކޮށްފައި ވާނެ ކަމަށްވެސް އެޗްޑީސީން ބުނެ އެވެ. އެގޮތުން 16 އެޕާޓްމެންޓެއްގައިވާ ތިން ލިފްޓުން ދެ ލިފްޓު އަދި 20 އެޕާޓްމަންޓް ޓަވަރުގައިވާ ހަތަރު ލިފްޓުން ތިން ލިފްޓު މިކަމަށް ބޭނުން ކުރެވޭނެ ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން ފުލެޓުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް ޓަކައި އެ ކޯޕަރޭޝަންގެ މުވައްޒަފުންތައް ހަރަކާތްތެރިވާނެ ކަމަށާއި މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދު ދެމުންގެންދާނެ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފަ އެވެ. އަދި މިކަމަކީ ގިނަ ބައެއްގެ މަސްލަހަތާ ގުޅިފައިވާ ކަމަކަށްވާތީ މިކަމަށް ފުލެޓުތަކުގެ ވެރިންގެ އެއްބާރުލުން ދިނުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ފުލެޓުތަކުގެ ކުއްޔާއި މެއިންޓެނެންސް ފީގެ ގޮތުގައި މަހެއްގެ މައްޗަށް 8500 ރުފިޔާ ދޭން ޖެހެ އެވެ. މިއަދަދަކީ ފިނިޝިން ނުނިމި ހުރި ތަނަކަށް ބޮޑު އަދަދެއްކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް ކުލި އިތުރަށް ކުޑަކޮށް ނުދެވޭނެ ކަމަށް އެޗްޑިސީން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު