ގޮނޑުދޮށަށް އުކާލާ ފައިވާން ކިބަތަކުން އައިވަރީ ކޯސްޓުގެ މިޒުވާނާ އަންނަނީ އަންނަނީ ތަފާތު ކުރެހުންތަކެއް އުފައްދަމުންނެވެ.

އަރިސްޓިޑް ކޯމޭ މި މަސައްކަތުން ނަފާ ހޯދަމުން އަންނައިރު ގިނަ ބައެއްގެ ސަމާލު ކަމަށް އޭނާގެ ކުރެހުންތައް ވަނީ އައިސްފައެވެ.

ކޯމޭ ބުނާ ގޮތުގައި ކޮންމެ ދުވަހަކު ބޮޑު ގޯންޏެއް ހިފައިގެން ފައިވާން ހޮވަން ގޮނޑޮދޮށުގައި އުޅުމުން ބައެއް މީހުން އޭނާ ދެކެނީ ކުނި ހޮވަން އުޅޭ މީހެއް ގޮތަށެވެ. ނަމަވެސް އޭނާގެ މި މަސައްކަތުން އުފައްދާ ކުރެހުންތަކަކީ ލަފާ ކުރެވޭ ގޮތުގައި 1000 އެމެރިކާ ޑޮލަރުގެ އަގުހުރި މަސައްކަތްތަކެއް ކަމުގައި ރޮއިޓާސް އިން ރިޕޯޓުކުރެއެވެ.

ގޮނޑުދޮށަށް އަންނަ މީހުން މިފަދަ ކުނިބުނިތައް މޫދަށް އުކާލާފައި ދާ ކަމަށާއި މޫދުން ގޮނޑުދޮށަށް ލައްގާ މިފަދަ ތަކެތީން އޭނާ ކުރެހުންތައް އުފައްދަމުން އަންނަނީ ޝައުގުވެރިކަމާއެކުގައި ކަމަށް ވެސް ރޮއިޓާސް އިން ފާހަގަކޮށްފައިވެ އެވެ. ފައިވާނުގެ ވަދުތައް ނައްޓައި ރަބަރުގަނޑު ކަފައިގެން އޭނާގެ ކުރެހުންތައް އެކި ގޮތްގޮތަށް ފަރުމާ ކުރެއެވެ.

މީގެ ދެތިން އަހަރު ކުރީން އޭނާގެ މި މަސައްކަތަށް އެގައުމުގެ ކުރެހުމާބެހޭ އިދާރާއެއްގެ ސަމާލުކަން ލިބި، މި ކުރެހުންތައް ގޭގެއަށާއި ގައުމުން ބޭރަށް ވިއްކުމަށް އަންނަނީ އެހީތެރިވަމުން ކަމުގައި ކޯމޭ ބުނެއެވެ.

ކޯމޭ އުފައްދާ ކުރެހުންތަކުގެ ތެރޭގައި ދުނިޔޭގެ ނުފޫޒު ގަދަ ފަރާތްތައް ކަމަށްވާ ނެލްސަން މަންޑޭލާ ފަދަ ބޭބޭފުޅުންގެ ތަސްވީރުން ފެށިގެން އެކިއެކި ހާލަތުތައް ބުނެދޭ ކުރެހުންތައް ހިމެނެ އެވެ. އެގޮތުން ކޮވިޑުގެ ހާލަތަށާއި މާލީ ހަމަހަމަކަން ނެތުމުގެ މައުލޫތަކަށް ވެސް އޭނާގެ އުފެއްދުންތަކުން ވަނީ ސަމާލު ކަމަށް ގެނެސްފައެވެ.

އދ. އިން ރިޕޯޓުކުރާގޮތުގައި ކޮންމެ އަހަރަކު ދުނިޔޭގެ ކަނޑުތަކަށް 13 މިލިއަން ޓަނާ ގާތްކުރާ އަދަދަކަށް ޕްލާސްޓިކު އުކާލައެވެ. އައިވަރީ ކޯސްޓު ފަދަ ހުޅަނގު އެފްރިކާގެ ގައުމުތަކުގައި މަގުތަކާއި ގޮނޑުދޮށް ތަކުގައި މިފަދަ ތިމާވެއްޓަށް ގެއްލުން ވާ ޒާތުގެ ކުނިބުނި އެޅުމަކީ ވަރަށް އާއްމުކަމެކެވެ.

ތިމާވެއްޓަށް ގެއްލުން ވާ ގޮތަށް ކުނި އެޅުން މަދުކުރުމަށް މީހުން އަހުލުވެރިކުރުވަން ބޭނުންވާ ކަމުގައި ކޯމޭ ބުނެއެވެ.