ރާއްޖޭގެ މުދާ ރަހުނުކޮށްގެން ދަރަންޏަށް ފައިސާ ހޯދުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށާއި ދުވަހަކުވެސް އެކަން އެގޮތަށް ކޮށްފައި ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ 2011 ވަނަ އަހަރު މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އުފެދުނީއްސުރެ ރާއްޖޭގެ އެތެރޭގެ މާކެޓުގައި ވެސް އިސްލާމިކް އިންސްޓްރުމަންޓެއް ދޫކުރުމަކީ އެކިއެކި އަހަރުތަކުގައި ވެސް ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ވެސް ބޭނުންވާ ކަމެއް ކަމަށާއި އެހެންކަމުން އެކަމަކީ ކުރީންވެސް ކުރަމުން އައި ކަމެއް ކަމަށެވެ.

"އިސްލާމިކް ފައިނޭންސް އިންސްޓްރުމަންޓް އިޝޫ ކުރުމުގެ މަސައްކަތްތައް މިނިސްޓްރީ އޮފް ފިނޭންސުން ވެސް އަދި ސެންޓްރަލް ބޭންކުން ވެސް ތަރައްގީކުރުމަށްޓަކައި ކުރެވެމުން އައި ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އިސްލާމިކް ފައިނޭންސް އިންސްޓްރުމަންޓް ދޫކުރުމުގައި ވަރަށް މުހިންމު ރުކުނަކަށް އެބަވޭ ޝަރީއާ ކޮމްޕްލަޔަންޓް ވާން. ޝަރީއާގެ ގޮތަށް އަޅުގަނޑުމެން އިސްލާމިކް ފައިނޭންސް ރެއިސްކުރާ އިރު، އޭގެ އަންޑަލައިން އެސެޓެއް އެބަ ބޭނުންކުރެވޭ. އެއީ އެއްވެސް ގޮތަކަށް ރަހުނު ކުރުމެއް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ފައިސާ ހޯދުމަށް ޓީ-ބިލް ނުވަތަ ބޮންޑު ވިއްކުމަކީ ކުރީ ސަރުކާރުތަކުން ވެސް ކުރަމުން އައި ކަމެއް ކަމަށާއި އޭގެ އިތުރަށް ދެން އޮންނަ ގޮތަކީ ސުކޫކު ވިއްކައިގެން ފައިސާ ހޯދުން ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ގޮތަކަށް ފައިސާ ހޯދިޔަސް، ރަހުނު ނުކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ އެކިއެކި މަރުހަލާތަކުގައި ވެސް ވަރަށް ގިނައިން މި ސުވާލުތައް އެބަ އާދޭ. އަޅުގަނޑުމެން އެބަ ކިޔައިދޭން އެއްވެސް ވަރަކަށް ރަހުނު ނުކުރެވޭކަން. އަޅުގަނޑު ހުރިހާ ދިވެހި ރައްޔިތުންނަށް ދަންނަވަން ބޭނުން ހަގީގަތުގައި ރާއްޖޭގެ އެސެޓްސް ރަހުނުކޮށްގެން އަޅުގަނޑުމެންގެ ދަރަންޏަށް ފައިސާ ނެގުމުގެ އެއްވެސް ވިސްނުމެއް ނެތް. ކޮންވެންޝަނަލް ގޮތަށް ކުރިޔަސް ރަހުނުކުރެވެން އޮވޭ. އެކަމަކު އެއްވެސް ސަރުކާރަކުން ކުރާ ކަމެއް ނޫން އެއީ ރަހުނުކޮށްގެން ލޯނު ނެގުމަކީ. ކޮންވެންޝަނަލް ގޮތަކަށް ކުރިޔަސް، ސުކޫކު ވިއްކައިގެން އަޅުގަނޑުމެން ކުރިޔަސް އަޅުގަނޑުމެންގެ ވެސް ވިސްނުމެއް ނޫން ރަހުނުކުރުމަކީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރަހުނުކުރާ ވާހަކަ ދެކެވެނީ ކައުންސިލް ބަދަލުވެގެން އައި އިރު، ސަރުކާރުގެ އެކިއެކި އިދާރާތަކުގެ ބޭނުމަށް ބޭނުންކުރެވޭ ބިންތައް ފިނޭންސް މިނިސްޓްރީގެ ރެޖިސްޓަރީއަށް ބަދަލުކުރުމަށް މާލޭ ސިޓީ ކައުންސިލުގައި އެދިފައި އޮތުމުން، އެކަން ކޮންމެވެސް ގޮތަކުން ލީކުވީ ކަމަށް ބެލެވޭ ކަމަށެވެ.

"އަޅުގަނޑުމެން އެދިފައިވާނެ ޝަހީދު ހުސައިން އާދަމް ބިލްޑިން ވެސް ފިނޭންސް މިނިސްޓްރީގެ ރެޖިސްޓަރީއަށް ބަދަލުކުރަން. އެއީ ދައުލަތުގެ އެސެޓްސް ބެލެހެއްޓުމަކީ ފިނޭންސް މިނިސްޓްރީގެ ޒިންމާއެއް. އެސެޓް ރެޖިސްޓްރީ ބެލެހެއްޓުމަކީ ފިނޭންސް މިނިސްޓްރީގެ ޒިންމާއެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު ވަނީ ސަރުކާރުން ސްކޫލުތަކެއް ރަހުނުކޮށް ދަރަންޏަށް ފައިސާ ހޯދިކަމަށް ވެސް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައެވެ. އަދި ކުރިން ވަނީ ވެލާނާގެ އާއި އޮލިމްޕަސް ރަހުނުކުރަން އުޅޭ ވާހަކައެއް ވެސް ފެންމަތިވެފައެވެ. ނަމަވެސް އެ ހުރިހާ ވާހަކައެއް ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.

އޭގެ އިތުރުން މިއަހަރުގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލު ރަހުނުކޮށްގެން 3.1 ބިލިއަން ރުފިޔާ ހޯދި ކަމަށް ވެސް ކުރިން ވާހަކަދެކެވުނެވެ. ނަމަވެސް އެކަން ދޮގުކޮށް ސަރުކާރުން ބުނީ އެއީ ސުކޫކު ވިއްކައިގެން ހޯދި ފައިސާ ކަމަށާއި އެއީ ދަރުމަވަންތަ ހޮސްޕިޓަލު ރަހުނުކުރުން ނޫން ކަމަށެވެ.