އެކި ފަރާތްތަކުން ބޭނުންކުރަމުން ގެންދާ ފޭސްބުކް އެކައުންޓްތައް ހެކްކޮށް، އެ އެކައުންޓްތަކުގެ ވެރިފަރާތުގެ ނަމުގައި ފައިސާ ޖަމާކުރަމުންދާ އެކައުންޓްތަކެއް ފުލުހުން އާންމުކޮށްފި އެވެ.

ފުލުހުން މިއަދު ވަނީ އެކަމާ ގުޅިގެން ބޭންކޮ އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ހަ އެކައުންޓެއް އާންމުކޮށްފަަ އެވެ.

  • 7730000304660
  • 7730000089422
  • 7730000042772
  • 7730000364429
  • 7730000203888
  • 7770000000544

އެހެން ކަމުން ފޭސްބުކް އެކައުންޓްތައް މެދުވެރިކޮށް ނުވަތަ އެހެނިހެން ގޮތްގޮތުން ނަމަވެސް ކުރެވުނު މުއާމަލާތެއްގެ ތެރެއިން، އެ ފަސް އެކައުންޓްގެ ތެރެއިން އެކައުންޓަކަށް ފައިސާ ފޮނުވައި، އެ ކުށުގެ ޝިކާރަކައަކަށް ވެފައިވާ ފަރާތްތަކެއް ވާނަމަ އެކަން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ފަހަކަށް އައިސް މަކަރާއި ހީލަތުން މީހުން އަތުން ފައިސާ ހޯދުމުގެ ބޮޑެތި މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އެކަން ފެށިފައި ވަނީ، އެކި މީހުންގެ ނަމުގައި ގުޅައިގެން ފޯނަށް ފައިސާ ފޮނުވަން އެދި ފައިސާ ހޯދަން ފެށި ހިސާބުންނެވެ. އޭގެ ފަހުން އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވުން ފަސޭހައަކަށް ވުމުން، އެކަމުގެ ނާޖާއިޒު ފައިދާ ވެސް ބަޔަކު އަންނަނީ ނަގަމުންނެވެ. އަދި ބޭންކުގެ ނަމުގައި މީހުނަށް ގުޅައި ކާޑުގެ މައުލޫމާތު ހޯދައިގެން ވެސް އޮޅުވާލައިގެން ފައިސާ ހޯދުމުގެ ބޮޑެތި މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ.