ކުއަލަ ލަމްޕޫރު, މެލޭޝިޔާ – މެލޭޝިޔާގެ ބޮޑުވަޒީރު މުހްޔިއްސީން ޔަސީން އަދި އޭނާގެ ކެބިނެޓު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
މަގާމުގައި 17 މަސް ދުވަހު ހުންނެވުމަށްފަހު ރަސްގެފާނަށް އިސްތިއުފާ ހުށަހެޅުއްވުމަށް ގަނޑުވަރަށް ވަޑައިގަތުމުގެ ކުރިން, މުހްޔިއްދީން މިއަދު ހެނދުނު ވަނީ ކެބިނެޓު ބައްދަލުވުމެއް ބާއްވަވައިފައެވެ.
މުހްޔިއްދީން އިސްތިއުފާ ދެއްވިކަން ކަށަވަރު ކޮށްދެއްވީ, މެލޭޝިޔާގައި ކޮވިޑް-19އާ ދެކޮޅަށް ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމްގައި އިސްކޮށް ހުންނަވާ އެގައުމުގެ ސައިންސް މިނިސްޓަރު ހައިޖީ ޖަމާލުއްދީނެވެ.
އޭނާ ކުރެއްވި އިންސްޓަގްރަމް ޕޯސްޓެއްގައި ވިދާޅުވީ, ކެބިނެޓުގެ ފަރާތުން ރަސްގެފާނަށް އިސްތިއުފާ ހުށަހަޅުއްވާފައިވާ ކަމަށާއި އަދި ގައުމަށް ހިދުމަތް ކުރުމަށް ދިން ފުރުސަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން, ރަސްގެފާނުގެ ގަނޑުވަރުގައި މުހްޔިއްދީން ބައި ގަޑިއިރު ހޭދަކުރެއްވިއެވެ. އަދި ނުކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވާފައެއް ނުވެއެވެ.
މިދިޔަ އަހަރުގެ މާޗް މަހު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން، އުމުރުފުޅުން 74 އަހަރުގެ މުހްޔިއްދީންގެ ސަރުކާރަށް ސިޔާސީ ގިނަ ފިއްތުންތަކެއް ކުރިމަތިވިއެވެ. ހާއްސަކޮށް ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުން, ބޮޑުވަޒީރަށް ކުރާ ތާއީދު އަނބުރާ ގެންދާނެ ކަމަށް އެތައް ފަހަރަކު ބުނެފައިވެއެވެ.