އިލެކްޝަން ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިސްކަން ދެއްވާ ފަސް ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލީ، އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފު އިސްތިއުފާ ދެއްވުމުންނެވެ.

މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މިއަދު ފެށިއިރު، ހުސްވެފައިވާ އީސީގެ މެންބަރުކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން އެ މަގާމަށް އެދިވަޑައިގެން ކުރިމަތިލެއްވި ހުރިހާ ނަމެއް ވެސް ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފަ އެވެ.

  • މުހައްމަދު އާސިފް / ހ. އިރުވައި
  • ޝަހުލާ އިސްމާއިލް / ފިނިއުނިމާގެ، ޅ. ހިންނަވަރު
  • އަޒްލީމާ އަހުމަދު / ދަފްތަރު
  • އަހުމަދު މަންސޫރު / ވ. ރިވެތި
  • މަރިޔަމް ހަނީފާ ހާލިދު / އަނބުގަސްދޮށުގެ، ހއ. ކެލާ

އިލެކްޝަން ކޮމިޝަންގެ މެންބަރު ކަމަށް ޝަރީފު އައްޔަން ކުރެއްވީ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި މާޗް 2018 ގައެވެ. އެއީ ފަސް އަހަރުގެ ދައުރަކަށެވެ.

ދައުރުގައި ބާކީ ދެ އަހަރު އޮއްވައި ޝަރީފު މަގާމުން އިސްތިއުފާ ދެއްވިކަން އާންމުކުރެއްވީ ޓުވީޓަކުންނެވެ.

އެ ޓުވީޓުގައި އޭނާ ވިދާޅުވީ, ވޭތުވެދިޔަ ތިން އިންތިހާބުގެ އިހުލާސްތެރި ކަމާއި އަމާނާތްތެރި ކަމާއެކު މަސައްކަތް ކޮށްދެވުނު ކަމުގެ ހިތްހަމަޖެހުން އެބަ އޮތް ކަމަށެވެ. އަދި ކުރިމަގުގައިވެސް ރައްޔިތުންގެ ހިދުމަތުގައި ފެންނާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އިންތިހާބު, ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކުރިއަށް ގެންދިޔައީ ޝަރީފުގެ ރައީސްކަމުގައެވެ.