ތާލިބާނުން ކާބުލް އަށް އަރައި ރިޔާސީ ގަނޑުވަރު ހިފައިފިއެވެ.

ތާލިބާނުން ރިޔާސީ ގަނޑުވަރު ހިފާފައިވަނީ އެގައުމުގެ ރައީސް އަޝްރަފް ގަނީ ގައުމު ދޫކޮށް ވަޑައިގަތުމަށްފަހުގައެވެ.

ތާލިބާނުގެ ޕޮލިޓިކަލް ބިއުރޯ ހިންގުމާ ހަވާލުވެހުރި މުއްލާ އަބްދުލް ގަނީ ބަރާދަރު ވީޑިއޯ މެދުވެރިކޮށް ދިން ބަޔާނެއްގައި ބުނެފައިވަނީ ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމުގައި ހަގީގީ އިމްތިހާނާ ކުރިމަތިވާނީ ގައުމު ހިންގުމާ ހަވާލުވުމަށްފަހުގައެވެ.

ހަނގުރާމަވެރިންގެ ހިމާޔަތުގައި ތާލިބާނު ލީޑަރުން ގައުމުގެ އެންމެ އިސް ރިޔާސަތުގައި ތިބޭ ފޮޓޯތަކެއް އަލްޖަޒީރާއިން ވަނީ އާއްމުކޮށްފައެވެ.

ތާލިބާނުން އެގައުމަށް އަތްގަދަކުރުމުގެ މަސައްކަތްތައް ވަރުގަދަކުރަމުން އައިސް އިއްޔެ ކާބުލް ވަށައިލުމުން، އެގައުމުގެ ހުރިހާ ބާރެއް ކެނޑި، ލޭ އޮހޮރުވުމަކާ ނުލައި ހުރިހާ ބާރުތަކެއް ތާލިބާނުންނާ ހަވާލުކުރުމުގެ މަޝްވަރާތައް އިއްޔެ ދިޔައީ ކުރެވެމުންނެވެ. އަދި ރައީސް އަޝްރަފް ގަނީ ގައުމު ދޫކޮށް ވަޑައިގެންނެވުމުން ތާލިބާނުން ވަނީ ކާބުލް އަށް އަރައި ރިޔާސީ ގަނޑުވަރު ހިފާފައެވެ. ފާއިތުވި ދެ ހަފުތާގެ ތެރޭގައި ތާލިބާނުން ވަނީ އެގައުމުގެ 34 ޕްރޮވިންސްގެ ތެރެއިން 26 ޕްރޮވިންސެއް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

ރައީސް ގައުމު ދޫކުރައްވައި ވަޑައިގަތުމަށްފަހު ފޭސްބުކް މެދުވެރިކުރައްވައި ވިދާޅުވެފައިވަނީ ގައުމު ދޫކުރައްވައި ވަޑައިގެންނެވީ ގައުމުގައި އިތުރު ލޭ އޮހޮރުވުމަކަށް ޖާގަ ދެއްވަން ބޭނުންފުޅު ނުވާތީ ކަމަށެވެ. މިކަމާ ގުޅިގެން ރައީސްގެ ކުރީގެ އެޑްވައިޒަރު ޝާފިގު ހަމްދާން ވިދާޅުވެފައިވަނީ ރައީސްގެ މި އަމަލު ފުޅަކީ ލަދުވެތި އަަމަލުފުޅެއް ކަމަށެވެ. އޭނާ ސިފަކުރައްވާ ގޮތުގައި ރައީސް ވަނީ ރައްޔިތުން އަމިއްލަ ހާލުގައި ޖެހެން ދޫކޮށްލައްވައިފަ އެވެ.

އެމެރިކާއިން އަންނަނީ އަފްގާނުން އެގައުމުގެ ރައްޔިތުން ބޭލުމުގެ މަސައްކަތްތައް ކުރަމުންނެވެ. ރޭ ޕެންޓަގަން އަދި ސްޓޭޓް ޑިޕާޓްމަންޓުން ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެމެރިކާގެ 6000 އަށްވުރެ ގިނަ ސިފައިން ހިމެނޭ ވަފުދުތައް ފޮނުވައިގެން އަފްގާނުން އެމެރިކާގައި ތިބި 1000 އެއްހާ ރައްޔިތުން ރައްކާތެރިކަމާއެކު ބޭލުމުގެ މަސައްކަތްތައް ކުރެވެމުން ދާނެ ކަމަށެވެ.

ތާލިބާނުންގެ ބާރުގެ ދަށަށް އަފްގާނު ގޮސްފައިމިވަނީ އެގައުމުން އެމެރިކާ ސިފައިން ބާލައި ހުސްކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ކަނޑައަޅުއްވާފައިވާ އޯގަސްޓް 31 ގެ ސުންގަޑި ހަމަވާން ދެ ހަފުތާއަށް ވެފައި ވަނިކޮށެވެ. އަފްގާނު މައްސަލައިގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން އިސްތިއުފާ ދެއްވަން ޖެހޭނެކަމުގައި ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕު ގޮވާލައްވާފައިވާއިރު، އެމެރިކާ ސިފައިން އަފްގާނުން ބޭލުމުގެ މަޝްވަރާތަކެއް ޓްރަމްޕުގެ ރިޔާސަތުގައި ވަނީ ކުރެވިގެން ގޮސްފައެވެ.