އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސާ މަރިޔަމް ޝިއުނާ އާއި ހިޔާނާތްތައް ތަހުގީގު ކުރާ އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދުގެ ނަޒާހަތްތެރިކަން ގެއްލޭ ފަދަ ހެކި އަތްޕުޅުގައި އެބަހުރި ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ވިދާޅުވެފައިވާތީ ޝިއުނާގެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީން ބެލުމަށް ހުށައަޅައިފި އެވެ.

މި މައްސަލަ އެ ކޮމެޓީއަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމެވެ.

އުޝާމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ތުހުމަތަކީ މިނިވަން މުއައްސަސާއެއްގެ ވެރިއެއްގެ މައްޗަށް ކުރެއްވި ވަރަށް ސީރިއަސް ތުހުމަތެއް ކަމަށާއި އެހެންކަމުން އެ މައްސަލައިގެ ހަގީގަތް ހޯދައި ބަލަންޖެހޭ ކަމަށެވެ.

"މި މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީން ބެލުމަށް އެޖެންޑާ ކޮށްދިނުމަށް ވާނީ އެދިފައި،" އުޝާމް ވިދާޅުވިއެވެ.

މިދިޔަ ހުކުރު ދުވަހު ކްލަބު ހައުސްގައި ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މަހުލޫފު ވިދާޅުވީ، ޝިއުނާ އާއި އައްސަދު އުޅުއްވަނީ ނަޒާހަތްތެރި ބޭފުޅުން ކަމަށް ހެދިކަން ކަމަށާއި ނަމަވެސް އެ ބޭފުޅުންގެ "އިންޓެގްރިޓީ" ގެއްލޭނެ ފަދަ ޗެޓް ލޮގްތަކެއް އެބަހުރި ކަމަށެވެ.

މިނިސްޓަރު މަހުލޫފު ވަނީ އޭނާގެ މައްޗަށް ދައުވާ ކުރަން ވަކި ބަޔަކު އަޑީގައި ތިބެގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ތުހުމަތުކޮށް، ދައުވާކޮށް އެ މައްސަލަ ކޯޓަށް ފޮނުވައިފި ނަމަ ދައުލަތް އޮރިޔާންވާ ފަދަ ވާހަކަތައް ހިއްސާކުރައްވާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ.