ހދ. މަކުނުދޫން ފުލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

މަކުނުދޫގެ ހެލްތު ސެންޓަރު ކޮމިއުނިޓީ ހެލްތު އޮފިސަރު އިބްރާހިމް ޝަރީފް މިރޭ "ވަން" އަށް ވިދާޅުވީ އެރަށު ފުލޫ ކްލިނިކަށް ދެއްކި މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެ ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ. ނަމަވެސް އެރަށް އަދި މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެރަށް މޮނީޓަރިންގެ ހާލަތަށް ގެނައުމާ ގުޅޭގޮތުން ގޮތް ނިންމާނީ ވެކްސިން ކަވަރޭޖަށް ބެލުމަށްފަހު ކަމަށެވެ. އެގޮތުން އެރަށުގައި ވެކްސިން ޖެހޭ އުމުރުގެ 90 ޕަސެންޓް މީހުން ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި މުޅި އާބާދީގެ 60 ޕަސެންޓަށްވުރެ މަތިން ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިހާރު ކުރިއަށްދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކަމަށެވެ. އަދި އެ ކޭސްއާ ގުޅިގެން ރަށުގައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެރަށް މީގެ ކުރިންވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެގޮތުން މިދިޔަ ޖޫން މަހުގެ ހަވަނަ ދުވަހު އެރަށުން މީހަކު ޕޮޒިޓިވްވެ، އެރަށް ވަނީ މޮނީޓަރިންއަށް ގެނެސްފައެވެ. އެރަށް މޮނީޓަރިންގެ ހާލަތުން ނަގާފައިވަނީ ޖޫން މަހުގެ ފަހުކޮޅެވެ.