ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި ހުކުމް ކޮށްފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަނީ އިންޓަޕޯލް މެދުވެރިކޮށް ކަމަށް ފުލުހުން ބުނެފިއެވެ.
ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ އަލީ ވަހީދަށް ކޯޓަށް ހާޒިރުވުމަށް އަންގައި ސުޕްރީމް ކޯޓުން ފޮނުވި އަމުރު ލިބުނު ނަމަވެސް ކޯޓަށް ހާޒިރުވެފައި ނުވާތީ، މިދިޔަ ބުދަ ދުވަހު ބޭއްވި އެ ކޯޓުގެ އަޑުއެހުމުގައި ވަނީ އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް އެ ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަންގެ މައްޗަށް އަމުރުކޮށްފައެވެ.
އެ ހުކުމް ކަރެކްޝަނަލް ސާވިސްއަށް ލިބިފައިވާއިރު އަމުރު ތަންފީޒު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ފަށާފައިވާ ކަމަށް އެ އިދާރާގެ ސްޕޯކްސްޕާސަން އައިމިނަތު ޔުސްރީން ވަނީ ވަނީ ވަން އަށް ވިދާޅުވެފައެވެ. އެ ގޮތުން އަލީ ވަހީދު ރާއްޖެ ގެނެސް ކަރެކްޝަނާ ހަވާލުކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދޭނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ފުލުހުން ބުނީ އަލީ ވަހީދަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަށް ރާއްޖެ ގެނައުމަށްޓަކައި އިންޓަޕޯލް މެދުވެރިކޮށް ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ. އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ގުޅިގެން އިތުރު މަސައްކަތްތައް ކުރެވެމުންދާ ކަމަށްވެސް ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ އަލީ ވަހީދު ހޯދައިގެން ގެނެސް ކަރެކްޝަނާ ހަވާލުކޮށްދިނުމަށް އެދި ރިކުއެސްޓްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހަތް ދައުވާއެއް އުފުލާފައި ވަނިކޮށް ކްރިމިނަލް ކޯޓުން ޕާސްޕޯޓު ދޫކޮށްލުމުން ރާއްޖޭން ބޭރަށް ފުރާވަޑައިގެންނެވި އަލީ ވަހީދު ވަނީ އިނގިރޭސިވިލާތުގައި ހުންނަވައިގެން އޮންލައިންކޮށް އަޑުއެހުމެއްގައި ބައިވެރިވެވަޑައިގެންފައެވެ. ނަމަވެސް ރާއްޖޭގެ ގާނޫނީ ބާރު ނުހިނގާ ތަނެއްގައި ހުރެގެން އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ވަނީ ސުވާލު އުފެދިފައެވެ. އަދި އޭނާ މިހާރު ހުރި ތަނެއް ވެސް އިދާރާތަކަކަށް ޔާގިންވެފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު