ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޓްރެޝަރީ ބިލު ވިއްކަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.
ޓީ-ބިލަކީ ކުރު މުއްދަތެއްގެ ތެރޭގައި ވަކި އިންޓަރެސްޓް ރޭޓެއްގައި އަނބުރާ ދައްކާ ގޮތަށް ބޭންކުތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި ޕެންޝަން ފަންޑަށް ސަރުކާރުން ވިއްކާފައިވާ ދަރަނިތަކެކެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ހަތަރު މުއްދަތަކަށް ބަހާލައިގެން 2.02 ބިލިއަން ރުފިޔާގެ ޓީ-ބިލު ވިއްކަން ހުޅުވާލާފައިވަނީ މިއަދެވެ.
މިފަހަރު ހުޅުވާލީ ޓީ-ބިލުގައި ހިމެނެނީ 28 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 40 މިލިއަން ރުފިޔާ އަކާއި 98 ދުވަހުން އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 240 މިލިއަން ރުފިޔާގެ ޓީބިލެއްގެ އިތުރުން 182 ދުވަހުން އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 135 މިލިއަންގެ ޓީބިލެއް އަދި 364 ދުވަހުން އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 1.6 ބިލިއަން ރުފިޔާގެ ޓީބިލެކެވެ.
މި ޓީބިލުތަކުގެ ތެރެއިން 40 މިލިއަން ރުފިޔާގެ ޓީބިލުގެ އިންޓަރެސްޓް ރޭޓަކީ 3.50 ޕަސެންޓެވެ. 98 މިލިއަން ރުފިޔާގެ ޓީބިލުގެ އިންޓަރެސްޓް ރޭޓަކީ 3.87 ޕަސެންޓެވެ. އަދި 135 މިލިއަން ރުފިޔާގެ ޓީބިލުގެ އިންޓަރެސްޓް 4.23 ޕަސެންޓުގައި ހުރި އިރު, 1.6 ބިލިއަން ރުފިޔާގެ ޓީބިލުގެ އިންޓަރެސްޓް ރޭޓަކީ 4.60 ޕަސެންޓެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ދައުލަތުގެ އަނބުރާ ދައްކަންޖެހޭ ޓީ-ބިލްގެ އަދަދު މިހާރު އުޅެނީ 27.7 ބިލިއަން ރުފިޔާގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު