އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗުގައި 5-1 ގެ ނަތީޖާއަކުން ލީޑްސް ޔުނައިޓެޑް ބަލިކޮށްފިއެވެ.

މިއަދު އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ލީޑްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޔުނައިޓެޑުން ޖެހި ފަސް ގޯލުގެ ތެރެއިން ތިން ގޯލު ޖަހައި، ޕޯޗުގަލްގެ ތަރި ބުރޫނޯ ފެނާންޑޭޒް ވަނީ ހެޓްރިކް ހަދައިފައެވެ. އޭގެ އިތުރުން ދެން މެޗުގައި އާދަޔާ ހިލާފަށް މޮޅު ކުޅުމެއް ދެއްކީ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާއެވެ. އޭނާގެ ހިތްގައިމު ޕާސްތައް މެޗުގައި ފެނިގެން ގޮސްފައިވެއެވެ. ޕޮގްބާ ވަނީ ހަތަރު ގޯލަށް އެސިސްޓް ކޮށްދީފައެވެ.

މެޗުގެ ފުރަތަމަ ގޯލުވެސް ޖެހީ ބުރޫނޯއެވެ. މެޗުގެ ފުރަތަމަ ހާފުގައި ބުރޫނޯގެ ގޯލުން ޔުނައިޓެޑް ލީޑު ނެގި ނަމަވެސް، ދެވަނަ ހާފުގެ ކުރީކޮޅުގައި ލޫކް އައިލިންގްގެ ހިތްގައިމު ގޯލާއެކު ލީޑްސްއިން މެޗު އެއްވަރު ކުރިއެވެ. އެހެންނަމަވެސް އޭގެ ދެ މިނެޓު ފަހުން އަނެއްކާވެސް މޭސަން ގްރީންވުޑްގެ ގޯލުން ޔުނައިޓެޑުން އަލުން ލީޑު ނެގިއެވެ. އެ ގޯލަކީ ޕޮގްބާގެ ހިތްގައިމު ބޯޅައަކުން ޖެހި ގޯލެކެވެ.

އޭގެ ދެ މިނެޓު ފަހުން ބުރޫނޯގެ އިތުރު ގޯލެއް ފެނިގެން ދިޔައެވެ. ތިރިތިރިން އޭނާ ޖެހި ބޯޅަ ގޯލުގެ ރޮނގު ހުރަސްކުރިކަން ރެފްރީއަށް ފުރަތަމަ ނޭނގުނު ނަމަވެސް ގޯލު ލައިން ޓެކްނޮލޮޖީގެ އެހީގައި ރެފްރީ ވަނީ އެއީ ގޯލެއް ކަމަށް ނިންމައިފައެވެ. ބުރޫނޯ އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ ވިކްޓާ ލިންޑަލޯފްގެ އެސިސްޓަކުންނެވެ. އެއީ ބުރޫނޯ ޔުނައިޓެޑްގެ ޖާޒީގައި ފުރިހަމަ ކުރި ފުރަތަމަ ހެޓްރިކެވެ. އަދި އެއީ 2019 ވަނަ އަހަރު މޭ މަހު ސްޕޯޓިން ޖާޒީގައި ބުރޯނޯ ހެދި ހެޓްރިކަށްފަހު އޭނާގެ ކެރިއަރުގެ ފުރަތަމަ ހެޓްރިކެވެ.

ޔުނައިޓުގެ އިތުރު ގޯލެއް ފްރެޑްވެސް މެޗުގައި ޖެހިއެވެ. އެ ގޯލަށްވެސް އެސިސްޓް ކޮށްދިނީ ޕޮގްބާއެވެ. ރަނގަޅު ފޯމެއްގައި ސީޒަން ފެށުން ވެގެންދާނީ ޕޮގްބާއަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށެވެ. ހާއްސަކޮށް އޭނާއާއި ބުރޫނޯއަށްވެސް ނިމިގެން ދިޔަ ޔޫރޯ ވެގެން ދިޔައީ މާޔޫސީ މުބާރާތަކަށެވެ. މިއަދުގެ މެޗާއެކު ލީގުގައި ޔުނައިޓެޑުގެ ވަރުގަދަކަން ސާބިތު ކޮށްދީފައެވެ.

މެޗުގެ ފަހު ހާފުގައި ޔުނައިޓެޑަށް އަލަށް ގެންދިޔަ 74 މިލިއަން ޕައުންޑުގެ ތަރި ޖޯޑަން ސަންޗޯ ފެނިގެން ދިޔައެވެ. އެޓީމަށް ގެންދިޔަ ޑިފެންޑަރު ރަފޭލް ވަރާންގެ ޓްރާންސްފާ ރަސްމީކޮށް މިއަދު އިއުލާން ކޮށްފައިވާ އިރު، އެޓީމުން މިއަދުގެ މެޗާއެކީ ދިނީ ތަށްޓައް އުންމީދުކުރާ ޓީމުތަކަށް މެސެޖެކެވެ.