އއ. އުކުޅަސް ބަނދަރުގެ އެއްގަމުތޮށި ލުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފި އެވެ.

އުކުޅަހު ބަނދަރު މަސައްކަތް ކުރިއަށްދާ ގޮތް ހިއްސާކުރަމުން އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ މަސައްކަތުގެ 62 ޕަސެންޓް ނިމިއްޖެ ކަމަށެވެ. އަދި މިމަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

އެމްޓީސީސީން ބުނީ އުކުޅަހު ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތުގެ 57 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

އެ ކުންފުނީން ބުނީ މި މަޝްރޫއުގެ ދަށުން، 19,630 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 31 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން ހިމެނޭ ކަމަށެވެ. އަދި 136 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 138.73 މީޓަރުގެ ޖެޓީއެއް ހެދުމާއި، 580 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އުކުޅަހު ބަނދަރު ހެދުމާއި ފެރީ ޓާމިނަލް ތޮށި ހެދުމުގެ މަސައްކަތަކީ 19.9 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. އެމްޓީސީސީ އާ މި ޕްރޮޖެކްޓް ހަވާލު ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. މި ޕްރޮޖެކްޓުގެ މަސައްކަތް ނިންމަންޖެހޭ މުއްދަތަކީ 120 ދުވަހެވެ.