Close
ޚަބަރު

ކައުންސިލުތަކުން ތަރައްގީގެ ޕްލޭން ހުށަހަޅަން ޖެހޭ މުއްދަތު ނޮވެމްބަރުގެ ނިޔަލަށް އިތުރުކޮށްފި

ކައުންސިލުތަކުން ހުށަހަޅަން ޖެހޭ ތަރައްގީގެ ޕްލޭނާއި ލޭންޑްޔޫސް ޕްލޭން ހުށަހެޅުމުގެ ފުރުސަތު ނޮވެމްބަރު މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން އަލަށް އިންތިހާބު ވި ކައުންސިލުތަކުން ތަރައްގީގެ ޕްލޭނާއި ލޭންޑްޔޫސް ޕްލޭން މިމަހުގެ 17 ގެ ނިޔަލަށް ހުށަހަޅަން ޖެހެއެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އެކި ރަށްތައް މޮނީޓަރިންގެ ހާލަތަށް ގެންނަން ޖެހުމުން ރައްޔިތުންގެ ހިޔާލު ހޯދުމަށް އުނދަގޫތަކެއް ކުރިމަތިވެފައިވުމުން، އެ މުއްދަތަށް ޕްލޭން ހުށަހެޅުމަށް ދަތިވެފައިވާ ކަމަށް ބުނެ، ކައުންސިލުތަކުން ވަނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ.

ގާނޫނަކުން ވަކި ކަމެއް ކުރުމަށް މުއްދަތެއް ކަނޑައަޅާފައިވީ ނަމަވެސް، ކުއްލި ނުރައްކަލުގެ ހާލަތުގައި އެ މުއްދަތު މެދުކެނޑޭނެ ކަމަށް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ގާނޫނުގައި ބުނާ މިންގަނޑަށް ކައުންސިލުތަކުން ހުށަހަޅަން ޖެހޭ ރަށްރަށުގެ ތަރައްގީގެ ޕްލޭނާއި ލޭންޑްޔޫސް ޕްލޭން ހުށަހަޅަން ޖެހޭނެ ކަމަށް ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ހިމެނޭނެތޯ ބެލުމަށް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ވަނީ ކައުންސެލް ޖެނެރަލްގެ ލަފާ ވެސް ހޯދައިފައެވެ.

އެކަމާ ގުޅޭ ގޮތުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލުތަކަށް އިއްޔެ ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ކޮވިޑުގެ ހާލަތާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ލޮކްޑައުންކުރުމާއި އަތޮޅުތެރެއިން ވެސް ބަލި ފެނި، ގިނަ ރަށްތަކެއް މޮނިޓަރިންއަށް ލާފައިވުމާ ގުޅިގެން ގިނަ ބަޔަކު އެއްވެ ބައްދަލުވުންތައް ބޭއްވޭ ފަދަ މާހައުލެއް ގިނަ ރަށްރަށުގައި ނެތުމުން، ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް ޕްލޭން ނިންމުމުގައި ކައުންސިލުތަކަށް ދަތިތަކެއް ހުރިކަން އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ތަރައްގީގެ ޕްލޭން އެކުލަވައިލުމަށް ގާނޫނުގައި ބުނެފައިވާ މުއްދަތު ހަމަވަމުންދާތީ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއާއި އެލްޖީއޭގެ މަޝްވަރާގެ މަތިން ގާނޫނުގައި ކައުންސިލުތަކުން ނިންމުމަށް ކަނޑައަޅާފައިވާ ޓައިމްލައިންތަކަށް އިތުރު މުއްދަތު ދިނުމަށް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށް އެލްޖީއޭގެ ސިޓީގައި ބުނެފައިވެއެވެ.

އެލްޖީއޭ އިން ބުނީ ކައުންސިލުތަކުގެ މަސައްކަތް މިންކޮށް ރޭންކު ކުރުމަށް އެ އޮތޯރިޓީން އެކުލަވާލާ ޕާފޯމަންސް އިންޑެކްސްއަށް މައުލޫމާތު އެއްކުރުމުގައި، ޕްލޭން ތައްޔާރުކޮށް ހުށަހަޅަންޖެހޭ ތާރީހުކަމުގައި ބަލާނީ ނޮވެމްބަރު މަހުގެ 30 ކަމުގައި ކައުންސިލުތަކަށް އަންގާ ކަމަށެވެ.

އެ ޕްލޭން އެކުލަވައިލުމަށްޓަކައި ގިނަ ކައުންސިލުތަކުން ރައްޔިތުންގެ ހިޔާލު ހޯދަމުން އަންނަނީ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށެވެ. ނަމަވެސް އެކަމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރެވެއެވެ.