ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހުގެ ހައެއްގައި ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އެކުލަވާލި އިންކުއަރީ ރިޕޯޓް ދިރާސާކޮށް، އިސްލާހުކުރަން ހުރި ކަންކަމާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާކުރައްވައިފިއެވެ.
މަޖިލީހުގެ 241 ކޮމިޓީއިން އެކުލަވާލި އިންކުއަރީ ރިޕޯޓް މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ މަހުގެ އަށްވަނަ ދުވަހުގެ ރެއެވެ. އަދި މި ރިޕޯޓު ރައީސަށް އަރުވާފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ. އެ ރިޕޯޓް ރައީސަށް އަރުވާފައިވަނީ 241 ކޮމެޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.
ރައީސް އޮފީހުން ބުނީ 241 ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރުމާ ގުޅޭ ގޮތުން ރައީސް ސޯލިހު، އިއްޔެ ނެޝަނަލް ސެކިއުރިޓީ ކައުންސިލް (އެންއެސްސީ)ގެ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި، 241 ކޮމިޓީގެ ރިޕޯޓުގައި ރަނގަޅު ކުރުމަށް ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކުރު، މެދު އަދި ދިގު ރާސްތާގައި އަމަލުކޮށް، ތަންފީޒުކުރަން ޖެހޭ ކަންކަން ފާހަގަކުރައްވައިފައިވާ ކަމަށާއި މި ރެކޮމެންޑޭޝަންތަކުގެ ތެރެއިން 38 ކަމަކީ މިހާރު ވެސް ފެށިގެން ކުރިއަށްދާ މަސައްކަތްތަކެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު ކަންކަމަށް އަމަލުކުރަން ފެށުމާ ގުޅޭ ގޮތުން ވެސް ބައްދަލުވުމުގައި ރައީސް، އެންއެސްސީ މެންބަރުންނާ މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މަހެއްހާ ދުވަހުގެ މަސައްކަތުން ނިންމާލި އެ ރިޕޯޓުން އާންމު ކޮށްފައިވަނީ 271 ސޮފުހާއެވެ. އާންމު ކުރި އެ ރިޕޯޓުން ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ބެލެވޭ ބައިތައް އުނިކުރި ނަމަވެސް އެ ބައިތައް ވެސް ވަނީ ލީކުވެ އާންމު ވެފައެވެ. އަދި ތިން ބާރުގެ ވެރީންނަށް ރިޕޯޓު އަރުވާފައިވަނީ އެއްވެސް އެއްޗެއް އުނިކުރުމެއް ނެތި ހުރިހާ ލިޔެކިޔުންތަކަކާއެކު ކަމަށް 241 ކޮމެޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.
އެ ރިޕޯޓުގައި ބޮޑެތި ތުހުމަތުތަކަކާއި ނަޝީދަށް ސެކިއުރިޓީ ދިނުމުގައި ބޮޑެތި އިހުމާލުތަކެއް ހުރި ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ފުރިހަމައަށް މަސްއޫލިއްޔަތު އަދާކޮށްފައި ނުވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.
ރިޕޯޓުގައި ނަޝީދަށް ބޮމުގެ ހަމަލާ ދިނުމަށް ވެފައިވާ ތައްޔާރީތަކާއި ހަމަލާގެ ކުރިން ވެފައިވާ ކަންކަމާއި ހަމަލާދިން ދުވަހު ހިނގައިދިޔަ ހުރިހާ ކަމެއްގެ އިތުރުން ހަމަލާގެ ފަހުންވެސް ހިނގައިދިޔަ ހުރިހާ ކަމެއް ވަރަށް ތަފުސީލުކޮށް ހިމަނާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު