މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ދެއްކެވި ވާހަކަފަޅުން ދެއްވި މެސެޖަކީ މަޖިލިސް ރައީސް ކަމުން ރައީސް މުހައްމަދު ނަޝީދު ދުރުކުރެވިދާނެ ކަމުގެ އިންޒާރު ކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ބޮންޑޭ މިގޮތަށް ވިދާޅުވީ އެމަނިކުފާނު ވެރިކަން ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާ އެކު ކަމަށާއި އެކަން ދަމަހައްޓަވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވުމާ ގުޅިގެންނެވެ.

ދިވެހި ޗެނަލްގެ ޕްރޮގްރާމެއްގައި ބޮންޑޭ ރޭ ވިދާޅުވީ، ރައީސަށް މެޖޯރިޓީ އޮތް ކަމަށް ވިދާޅުވުމުން އެ ދެވެނީ ވަރަށްވެސް އެހެން ކަހަލަ މެސެޖެއް ކަމަށެވެ. އެއީ މަޖިލިސް ރައީސްކަންވެސް އެމަނިކުފާނަށް ނެގިދާނެ ފަދަ ގޮތަކަށް ކަމަށް ވިދާޅުވިއެވެ.

"މިހާރު އެއޮތް ގޮތުން އެ ބުނަނީ، ތިމަންނަ (ރައީސް) ބޭނުން ވެއްޖިއްޔާ މިހާރު ޕާލިމެންޓް ސްޕީކަރު، މަޖިލިސްގެ ރައީސްކަންވެސް ތިމަންނައަށް ނެގިދާނެއޭ. މަޖިލިސް ރައީސްވެސް ވަކި ކުރެވިދާނޭ. އެކަހަލަ ގޮތަކަށް މެސެޖެއް އެދެވެނީ، އިންޑައިރެކްޓްކޮށް އެދެވެނީ މެސެޖެއް،" ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ ރައީސް ދެއްކެވި ވާހަކަތަކަކީ ވަކިވެފައިވާ ތިން ބާރުގެ ނިޒާމަށްވެސް ލޮޅުން އަރާ ފަދަ ވާހަކަތަކެއް ކަމަށެވެ. އަދި އެއީ ޑިމޮކްރަސީގެ އުސޫލުތަކަށްވެސް ބުރޫ އަރާނެ ކަމެއް ކަމަށެވެ. އެއީ ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނޯންނާތީ ކަމަށްވެސް ބޮންޑޭ ވިދާޅުވިއެވެ.

"ގައުމީ މަޖިލީހުގެ ހުރިހާ ބާރުތައް ތިމަންނަ (ރައީސް) އަތްޕުޅުގައޭ، ޕާލިމެންޓްގެ ހުރިހާ ބާރެއް ތިމަންނަ އަތްޕުޅުގައޭ. މިގޮތަށް ބުނުމަކީ ތިން ބާރު ވަކިވެފައިވާ ނިޒާމަކަށްވެސް، ޑިމޮކްރަސީގެ އުސޫލުތަކަށްވެސް ލޮޅުން އަރާނެކަމެއް،" ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ ރައީސް މިކަމުގައި ގެންގުޅުއްވާ ވިސްނުންފުޅު ގޯސް ކަމަށެވެ. އެގޮތުން ހުރިހާ ބާރެއް އޮންނާނީ ރައްޔިތުންގެ އަތުގައި ކަމަށެވެ. އަދި އެމްޑީޕީގެ ބާރު އޮންނާނީ އެޕާޓީގެ މެންބަރުންގެ އަތުގައި ކަމަށްވެސް ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ ރައީސް އެގޮތަށް ވިސްނުންފުޅު ގެންގުޅުއްވަނީ ކައިރީގައި ތިއްބަވާ އެޑްވައިޒަރުން ނުބައިކޮށް ލަފާ ދެއްވާތީ ކަމަށެވެ. އެކަންކަން ބަދަލު ކުރުމުން ރައީސަށް ރަނގަޅު ގޮތް ވިސްނޭނެ ކަަމަށްވެސް ވިދާޅުވިއެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ވެރިކަން ކުރާއިރު ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ކޮންމެ ސަރުކާރަކަށް ވެސް ވަރަށް މުހިންމު ވާނެ ކަމަށާއި އެ ބާރު ނެތި ވެރިކަން ކުރަން ވަރަށް އުނދަގޫވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، 2008 އިން ފެށިގެން މިހާތަނަށް ކޮންމެ ސަރުކާރަކުން ވެސް ވެރިކަން ކުރީ އެ އުނދަގޫތަކާއެކު ކަމަށެވެ. އެމްޑީޕީގެ ފުރަތަމަ ތިން އަހަރުގެ ވެރިކަމުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ފަހުކޮޅު ވެސް އެ ދަތިތައް ކުރިމަތިވެވަޑައިގެންނެވި ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ޔާމީންގެ ވެރިކަމުގައި މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލުމުން ވަރަށް ބޮޑެތި ހުރަސްތަކެއް ޔާމީނަށް ކުރިމަތިވެވަޑައިގަތެވެ.

އެމަނިކުފާނު ވިދާޅުވީ، މިހާ އޮމާންކޮށް މި ސަރުކާރު ހިންގައި ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ދެވެނީ ވެސް މަޖިލީހުގެ އަޣުލަބިއްޔަތު އޮތުމުން ކަމަށެވެ.