މޫސުމީ ބަދަލުގެ ސަބަބުން ދުނިޔެއަށް ބޮޑެތި އަސަރުތަކެއް ކުރާނެކަމަށް އދ. އިން އާންމު ކުރި ރިޕޯޓުގައިވާ އިރު، އެކަންކަމުގެ ނުރައްކާ ކުޑަކުރުމަށް ގުދުރަތީ ހައްލު ހޯދުން އަވަސް ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އދ. އިން މިދިޔަ ހޯމަ ދުވަހު އާއްމު ކުރި ރިޕޯޓުގައިވާ ގޮތުން 2030 ވަނަ އަހަރު ދުނިޔޭގެ ފިިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށް އިތުރުވާނެ ކަމަށެވެ. އަދި އެކަމަށް މިހާރުއްސުރެ ހައްލު ނުހޯދައިފިނަމަ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް އޮތް ނުރައްކާ އިތުރުވާނެ ކަމަށް ބުނެފައިވެއެވެ. އެގޮތުން މޫސުމީ ކާރިސާތައް ދިމާވުން އަވަސްވެ، ކޮންމެ 100 އަހަރުން ދިމާވާ ކާރިސާތައް ގަރުނު ނިމޭއިރު އަހަރަކު އެއް ފަހަރު ދިމާވެދާނެ ކަމަށްވެސް ރިޕޯޓުގައިވެއެވެ.

އެކަމާ ގުޅިގެން ސީއެންއެންއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ކަނޑުގެ ލޮނުގަނޑު ބޮޑުވުމުގެ ސަބަބުން ރާއްޖެއަށް ވަރަށް ބޮޑަށް އަސަރު ކުރާނެ ކަމަށާއި އަދި ރާއްޖެ ފަދަ އެހެން ގައުމުތަކަށްވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ މޫސުމީ ބަދަލުތަކަށް ގައުމުތަކުން ތައްޔާރުނުވާ ކަމަށާއި ގައުމުތަކުން ވިސްނާފައި ހުރީ މި ބަދަލުތަކުގެ އަސަރު އަވަސް މުސްތަގުބަލެއްގައި ކުރިމަތިނުވާނެ ކަމަށެވެ. ނަމަވެސް މުޅި ދުނިޔެއިން މިހާރު އެކަމުގެ ބިރު ފެންނަމުންދާ ކަމަށެވެ. އެގޮތުން ސާބިއާގެ ޖަންގަލީގައި އަލިފާން ރޯވުމާއި ތުރުކީގެ ޖަންގަލީގައި އަލިފާން ރޯވުމާއި މުޅި ދުނިޔެ ތަހަންމަލު ކުރަމުންދާ ގަދަ ހޫނަކީ އެކަމުގެ ހެކި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެފަދަ ހާދިސާތައް ދިމާވާނެ ވަގުތެއް ނުވަތަ އެފަދަ ހާދިސާއެއް ކުރިމަތިވާނެ އިރެއް ސައިންސްގެ ޒަރިއްޔާއިން ހޯދިފައިނުވާ ކަމަށެވެ. އެހެންކަމުން ސައިންސަށް ވަރަށް ބޮޑު ހަރަދެއް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

މިކަމަށް އޮތް ހައްލަކީ ހިލަ އާއި ގާ ޖެއްސުން ނޫން ކަމަށާއި މިކަމަށް ގުދުރަތީ ހައްލެއް ބޭނުންވާ ކަމަށެވެ. ބައިލޮޖިކަލް ހައްލު މިކަމަށް ވަރަށް އަވަސް މުސްތަގުބަލެއްގައި ބޭނުންވާ ކަމަށާއި އެކަން ކުރެވޭނީ ސައިންސްގެ ޒަރިއްޔާއިން މިކަންކަން ދެނެގަނެވިގެން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"މިސާލަކަށް ރާއްޖޭގައި ގޮނޑުދޮށުގެ އެއް މީޓަރު ހިމާޔަތް ކުރުމަށް 7000 ޑޮލަރު ހޭދަވޭ. ގާޖެހުމާއި ހިލަ ޖެހުމަށް. މިއީ ހާޑް އެޑެޕްޓޭޝަން، ހުސްވެސް ކޮންކްރީޓް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ނެޗްރަލް ސޮލިއުޝަން ވަރަށް އަވަހަށް ހޯދަންޖެހޭ. ބައޮލިޖިކަލް އެޑާޕްޓޭޝަން ހޯދަންޖެހޭ. އެކަން ކުރުމަށްޓަކައި ސައިންސްގެ ބޭނުން ވަރަށް ބޮޑު،" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރު ކުރެވެން އޮތްހާވެސް މަސައްކަތަކީ "ހާޑް އެޑާޕްޓޭޝަން"، އެއީ ގާޖެމާއި ހިލަޖެހުން ކަމަށެވެ. ނަމަވެސް އެކަމަކީ ވަރަށްވެސް ބޮޑު ހަރަދެއް ހިނގާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެކަމަށް އޮތް އެންމެ ބޮޑު މައްސަލައަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުން ނަގާފައިވާ ދަރަނީގެ ލޯނުތައް ކަމަށެވެ. މޫސުމުގެ އަސަރު ކުރާ ގިނަ ގައުމުތަކަކީ ދަރަނިން ސަލާމަތް ނުވެފައިވާ ގައުމުތައް ކަމަށާއި ކުދި ގައުމުތަކުގެ ދަރަނި ބޮޑުވުމުގެ ސަބަބުން، އެހެން ގައުމުތަކުން ލިބޭ އެހީތައްވެސް ދަނީ ދަރަނި ދެއްކުމުގައި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމަށްޓަކައި، ރީކްލެމޭޝަން ސީވޯލް، ފަދަ ކަންކަން ކުރުމަކީ ވަރަށްވެސް އަގުބޮޑު ކަމެއް. އެކަން ކުރުމަށްޓަކައި ފައިސާ ބޭނުންވާނެ. ނަމަވެސް ގައުމުގެ ދަރަނި ބޮޑުވުމުގެ ސަބަބުން އެހެން ގައުމުތަކުން ލިބޭ އެހީތައްވެސް ދަނީ ދަރަނި ދެއްކުމުގައި،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ ކުދި ގައުމުތަކުން ދަރަނި ދެއްކުމުގެ ސިޔާސަތު އަލުން ރޭވުމަށް ގޮވައިލައްވައިފައެވެ. އަދި އެކަން ކުރުމަކީ މި ދަނޑިވަޅުގައި މުހިންމު ކަމެއް ކަމަށެވެ. އެއީ މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމަކީ ވަރަށް ބޮޑު ހަރަދެއް ކަމަށާއި ހާއްސަކޮށް ގުދުރަތީ ކާރިސާތަކުން ސަލާމަތްވުމަށް ރައްކާތެރި ފިޔަވަޅުތައް އެޅުމަކީ ވަރަށްވެސް ހަރަދު ބޮޑު ކަމަކަށްވާނެތީ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް މީގެ ކުރިން ގައުމުތަކުން ކުރި ކަންކަމާ މެދު އަލުން ރިސާޗް ހަދައި، ކުރިން ގޯސް ހެދިފައިވާ ކަންކަން ދެނެގަނެ، އެކަންކަން ރަނގަޅު ކުރެވޭނެ ގޮތްތައް ހޯދުމަށް އެދިވަޑައިގެންފައެވެ. އަދި ސައިންސްގެ ޒަރިއްޔާއިން ގުދުރަތީ ހައްލު ހޯދުމަށް ގައުމުތަކުން ހަދާ ރިސާޗްތައް ފުޅާ ކުރުމަށްވެސް ގޮވައިލައްވައިފައެވެ.